އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވަައި އުފައްދަވާ ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކޮށްފައިވާ މީހުންނަށް ސަރުކާރުން ބިރުދައްކަމުންދާ ކަމަށް ވިދާޅުވެ އެކަން ހުއްޓާލުމަށް ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފިއެވެ.
”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް އީސީން ހުއްދަ ދިނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެގޮތުން 3,560 މެންބަރުން ސޮޔާއެކު ޕާޓީ ރަޖިސްޓްރީ ކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންގެ ލިސްޓް އެ ކޮމިޝަނުން އާންމު ނުކުރަނީސް އެ ލިސްޓު ލީކުވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ޑިމޮކްރެޓްސްގެ ފަރާތުން ވަނީ އެ މައްސަލަ އީސީއަށާއި ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.
ޑިމޮކްރެޓްސްގެ މުއައްސިސް ޙަސަން ލަޠީފް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ޕާޓީ އުފައްދަން އީސީއަށް ހުށަހެޅި ފޯމުތަކުގައިވާ މީހުންގެ މައުލޫމާތު ވަގަށް ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން ސަރުކާރުން އެ މީހުންނަށް ބިރުދައްކަމުން ދާ ކަމަށާއި ސަރުކާރުން އެކަން ހިންގަނީ ފުޅާ ދާއިރާއެއްގައި ކަމަށެވެ.
އެކަމުގެ އަޑީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުންނެވިއިރު, ސަރުކާރުގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ގެންދަވަނީ އެ މުޑުދާރު އަމަލު ހިންގަވަމުން ކަމަށް ޙަސަން ވިދާޅުވިއެވެ.
ޙަސަން ވިދާޅުވި ގޮތުގައި ސްޓޫޑަންޓް ލޯނާއި ގޯތި ނުވަތަ ފުލެޓަށް ހުށަހަޅާފައިވޭތޯ ބެލުމަށްފަހު އެކަން ބޭނުންވާނަމަ ޑިމޮކްރެޓްސްއަށް ކޮށްފައި އޮތް ސޮއި އަނބުރާ ގެންދިއުމަށް ވެސް ސަރުކާރުން އަންނަނީ އެ ފަރާތްތަކަށް އަންގަމުންނެވެ.
ޙަސަން ހުށަހެޅުއްވި ގަރާރު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލަ ބަލައިނުގަތުމަށް 33 މެންބަރަކު ވޯޓު ދެއްވިއިރު, ބަލައިގަތުމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ.