ޗައިނާގެ ސިޗުއާން ޕުރޮވިންސުގައި ހިނގި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު 19އަށް އަރައިފިއެވެ.
ބިންގަނޑު ކަނޑައިގެން ގޮސްފައި ވަނީ ލޭޝާން ކިޔާ ރަށުގެ ޖިންކޫހޭ ކިޔާ ފަރުބަދަމަތީ ހިސާބެއްގައެވެ.
މި ހާދިސާގައި ފަރުބަދައިގެ ބޮޑު ސަރަހައްދެއް ކަނޑައިގެން ގޮސްފައިވާ ކަމުގައި ސިޗުއާންގެ އޮފިޝަލުން ވިދާޅުވިއެވެ.
ފަރުބަދަމަތިން ފޭބި ހިލައާއި ހިލަވެލީގެ އިތުރުން ކިސަޑުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ކޮންސްޓްރަކްޝަން ސައިޓަކާއި މައިނަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު މައިންގެ ބޮޑު ސަރަހައްދެއް ވަނީ ބަންދުވެފައެވެ.
މި ހާދިސާގައި ބައެއް މީހުން ގެއްލިފައިވާ ކަމަށާއި މީހުން ހޯދުމަށް 180 އަށްވުރެ ގިނަ މީހުންގެ ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ޓީމުތަކުން މީހުން ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް އަދި 5 މީހަކު ފެނިފައިނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމު ތަހުގީގުތައް މިހާރު ދަނީ ކުރެވެމުންނެވެ.