2024 ވަނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އެ ޤައުމުގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސް ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.
ޕެންސް ނައިބު ރައީސް ކަމުގެ މަގާމު ފުރުއްވާފައި ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދައުރުގައެވެ.
63 އަހަރުގެ ޕެންސްގެ ކެމްޕޭން ޓީމުން ވަނީ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަން އެ ޤައުމުގެ ފެޑެރަލް އިލެކްޝަންސް ކޮމިޝަނަށް އަންގައި ފޯމު ހުށަހަޅާފައެވެ. އަޔޯވާ ސްޓޭޓްގައި މި ހަފުތާގެ ތެރޭގައި އޭނާގެ ކެމްޕޭން ރަސްމީކޮށް ފަށާނެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ޕެންސް އިއުލާނު ކުރެއްވުމާ އެކު ރިޔާސީ ރޭހުގައި މިހާރު ވެސް ކެމްޕޭން ކުރައްވަމުން ގެންދަވާ ޓްރަމްޕުގެ ކެމްޕޭންނަށް ވަނީ ސިހުމެއް ގެނުވާފައެވެ.
ފާއިތުވި 2 އަހަރެއްހާ ދުވަސް އޭނާ ހޭދަކުރައްވާފައި ވަނީ ތާޢީދު ހޯދުމުގެ ހަރަކާތްތަކުގައެވެ.