ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުންނަށް އިންޒާރު ދެއްވަމުންދާ ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވައިފިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވަނީ ރައީސް ނަޝީދު މެމްބަރަކަށް އިންޒާރުދެއްވާ މަންޒަަރު ފެންނަ ވީޑިއޯ ކުލިޕެއް ހިއްސާކުރައްވައިފައެވެ.
އެ ވީޑިއޯއާއެކު ރޮޒައިނާ ކުރެއްވި ޓުވީޓުގައި ލިޔުއްވާފައިވަނީ މަޖިލިސް ތެރޭގައި މަޖިލިސް ރައީސް މެންބަރުންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. މެންބަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވަންޖެހޭ ފަރާތުން މިއަދު އެތައް މެންބަރުންނަކަށް ބިރުދައްކަވައި މަޖިލިސް ނައިބު ރައީސްގެ މައްސަލަ އަނބުރާ ގެންދަން އަންގަވައި އިންޒާރު ދެއްވައިފި ކަމަށް ވިދާޅުވެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެއެވެ.
މި މައްސަލާގައި ރައީސް ނަޝީދު އަދި ވާހަކަ ދައްކަވައިފައެއް ނުވެއެވެ.