ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ހުށަހަޅައިފިނަމަ އެކަން ގަބޫލުކުރައްވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކުރުމުން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްްވެރިންގެ ބައްދަލުވުމުގައެވެ.
”އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތަކަށް ނުވިސްނަން. ދެން ޕާލަމެންޓްރީ ގުރޫޕުން ނިންމުމެއް ނިންމަވާ އަޅުގަނޑާ ހަވާލުކުރަން ނިންމަވައިފިއްޔާ ހަމަ އަޅުގަނޑު ހިތުގެ އަޑިން އެކަން ގަބޫލުކުރާނަން.“ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވިއެވެ.
”އަދި އެކަމަށް ޝައުގުވެރިކަމަށްވަނީނަމަ އެކަމަށް މަސައްކަތް ކުރާނަން.“
ރައީސް ނަޝީދު މަގާމުން ވަކިކުރަން ފާސްކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.