ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ އެންމެ ފެންވަރު ރަނގަނޅު ހޮސްޕިޓަލް ކަމަށްވާ ”މޮސްކޯ ސެންޓްރަލް ހޮސްޕިޓަލް“ ހުރި ބިމު އަޑީގައި ނިއުކްލިޔާ ހަމަލާތަކުން ސަލާމަތްވުމުގެ ގާބިލްކަން ލިބިފައިވާ ބޮޑު ބިންގަރާހެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ބިންގަރާސް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނިއުކްލިޔާ ގޮވުންތަކުން ރައްކާތެރިކަން ލިބުމާ އަދި އެ ގޮވުންތަކާ އެކު ނުކުންނަ އިންސާނީ ނަސްލު ނައްތާލާ ރޭޝިއޭޝަންތައް ކަމަށްވާ ”އަލްފާ“ ”ބީޓާ“ އަދި ”ގެމާ“ ރޭޑިއޭޝަންތަކުން ސަލާމަތްވާ ގޮތަށް ބިންގަރާސްތައް ހެދުމުގައި ނަން މަޝްހޫރު ރަޝިއާ ކުންފުންޏަކާއެވެ.
މި ބިންގަރާސް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ”މޮސްކޯ ސެންޓްރަލް ހޮސްޕިޓަލް“ގެ މަސްއޫލުވެރިން މިދިޔަ މޭ މަހު ވަނީ ސޮއިކޮށްފައެވެ.
އެ ހޮސްޕިޓަލުގެ އަޑީގައި މި ބިންގަރާސް ތަރައްގީ ކުރުމުގެ މަޝްރޫއު ރާވާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހަށް މަސައްކަތް ނިންމާ ގޮތަށެވެ.
މި ބިންގަރާސް ފަރުމާ ކޮށްފައި ވަނީ މަދުވެގެން 800 މީހުންނަށް ނިއުކްލިޔާ ގޮވުންތަކާއި ނިއުކްލިޔާ ރޭޑިއޭޝަންތަކުން ސަލާމަތްކަން ލިބޭ ގޮތަށެވެ.
ނިއުކްލިޔާ ގޮވުންތަކާ އަދި ނިއުކްލިޔާ ރޭޑިއޭޝަންތަކުން ސަލާމަތްވުމަށް ހާއްސަ ބިންގަރާސްތައް ރަޝިއާގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ތަރައްގީކޮށްފައިވެއެވެ.
ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރެވެ. އަދި ނިއުކްލިޔާ ރިއެކްޓަރުތަކާއި އިންޖީނުގެތަކާ އަދި ނިއުކްލިޔާ ލެބޯޓްރީތައް ބިނާ ކުރުމުގެ ފަންނީ ގާބިލުކަން ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ބޮޑީ ރަޝިއާގެ ނިއުކްލިޔާ ހަކަތައާ ބެހޭ ކުންފުނިތަކުގައެވެ.