ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި އެވަޒީރަކު މަޖުލީހަށް ހާޟިރުވެ ޖަވާބުދާރީވުން ޤާނޫނުން ލާޒިމް ނުކުރާކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛް މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލަައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނުކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބަންޑާނައިބު އިބްރާހީމް ރިއްފަތުއާއި ފޮރިންމިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖުލީހަށް ވައްދާ ބަހުޘްކުރެވެމުން އަންނަ ދަނޑިވަޅެއްގަައި ދި ޑެއިލީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިޝާން ވިދާޅުވީ،
ވަޒީރު، މަޖުލީހަށް ޖަވާބުދާރީވުމަށް ހާޟިރުވުން ލާޒިމްކަމަށް ބައެއްފަރާތްތަކުން ދެކޭ މާއްދާއަކީ ޤާނޫން އަސާސީގެ 101 ވަނަ މާއްދާގެ (ށ) ކަމަށާއި، އެމާއްދާއިން މަޖުލީހަށް ހާޟިރުވުން ލާޒިމްނުކުރާކަމަށެވެ.
އެމާއްދާގައި ބަޔާންވެގެންވަނީ، އިތުބާރުނެތްކަމުގެ ބަހުޘްގައި އަނގަބަހުންނާއި ލިޔުމުން އެ ވަޒީރެއްގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްޤު އެވަޒީރަކަށް ލިބިގެންވާކަމަށް ކަމަށާއި، އެމާއްދާއިން ދީފައިވަނީ އެވަޒީރަށް ހައްޤެއްކަމަށާއި، ކުރުން ލާޒިމްކަމެއް އެމާއްދާގައި ކަނޑައަޅާފައި ނެތްކަމަށް ނިޝާން ވިދާޅުވިއެވެ.
ހައްޤަކީ ލިބިގަތުމުގެ ފުރުޞަތު އެމީހަކަށް މުތުލަޤައް ހުޅުވިގެންވާ އެއްޗެއްކަމަށާއި، ހައްޤެއްކަމަށްވާނަމަ އެ ހައްޤެއްގެ ބޭނުން ހިފުމާއި ނުހިފުމުގެ އިހުތިޔާރަކީ އެމީހަކަށް އެކަނި އޮންނަ އެއްޗެއްކަމަށާއި، ބޭނުން ހިފުމާއި ނުހިފުމަކީ އިހުތިޔާރީގައި އޮންނަ ކަމެއްކަމަށް ނިޝާން ފާހަގަކުރިއެވެ.
އިތުބާރުނެތްކަމުގެ ވޯޓަކީ ވަޒީރާއި އަމާޒުކުރެވޭ ސުވާލުތަކެއް ނޫންކަމަށާއި، ނަނގާ ވޯޓެއްކަން ފާހަގަކުރަމުން ނިޝާން ވިދާޅުވީ އެއީ މަޖުލީހު މެންބަރުން މެދުގައިކުރެވޭ ބަހުޘަކުން ނަނގާ ވޯޓެއްކަމަށެވެ.އެހެންނަމަވެސް ޖަވާބުދާރީވުން ލާޒިމް ސުވާލުތަކެއް ހުރިނަމަ އެކަމަށް ޖަވާބުދާރީވުމަކީ އަދި މިމައުޟޫއާއި ގުޅޭ ކަމެއް ނޫންކަން ފާހަގަކުރަމުން ނިޝާން ވިދާޅުވީ،
ވަޒީރުގެ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި ލިޔުމުންވެސް ޖަވާބުދާރީވުންވެސް ޤާނޫން ލާޒިމްނުކުރާކަމަށާއި، ލިޔުމުންނާއި އަނގަބަހުން (އެތަނަށް ހާޟިރުވެގެން) ޖަވާބުދާރީވާނީ އެވަޒީރަކު ބޭނުންވެއްޖެނަމަ އެވަޒީރެއްގެ އަމިއްލަ ދިފާއުގައި ލިބޭ ހައްގެއްގެ ބޭނުން ހިފުމަށްކަން ފާހަގަކުރަމުން ވަކީލު ނިޝާން ވިދާޅުވީ،
ހައްޤެއްގެ ބޭނުން ހިފުމަށް ލާޒިމް ނުވަތަ މަޖުބޫރު ނުކުރެވޭނެކަމަށާއި، ހައްޤުގެ ބޭނުން އެހައްޤުގެ ވެރިފަރާތުން ދޫކޮށްލައިފިނަމަ އެކަމުން އެމީހަކު ކުށްވެރިވެސް ނުވާނެކަމަށާއި، ޤާނޫނާއިވެސް ހިލާފުނުވާނެކަމަށް ނިޝާން ވިދާޅުވިއެވެ.
ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައިގައި، ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި މަޖުލީހަށް ލިޔުމުންނާއި އަނގަބަހުން ވަޒީރު ޖަވާބުދާރީވުން އެއީ ހައްޤެއްކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާކަމަށް ނިޝާން ވިދާޅުވިއެވެ.