ރާއްޖެ އެތެރެކުރަން އުޅުނު 10 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މި ތަކެތި އަތުލައިގަތީ ވައިގެ މަގުން ޕާކިސްތާނުން މިއަދު ރާއްޖެއައި އުމުރުން 25 އަހަރުގެ ފިރިހެނެއްގެ އަތުންނެވެ.
ކަސްޓަމްސްއިން ބުނީ އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީކުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ބަރުދަނުގައި 10.14 ކިލޯ ހުރި ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އޭނާއާ އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.