ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނަށް އަންހެނުން އަހުލުވެރި ކުރުވުމަށާއި އެ ތަކެތި މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވުމަށް އާބަންކޯއިން ފުރުސަތު ހުޅުވާލައިފިއެވެ.
އާބަންކޯއިން ބުނީ މި ކޯހަކީ މޯލްޑިވްސް އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އެ ކުންފުންޏާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވޭ ކޯހެއް ކަމަށެވެ.
އަންހެނުން ބާރުވެރި ކުރުވުމަށާއި އަންހެނުންނަށް އެކި ކަހަލަ ފުރުސަތުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން އާބަންކޯއިން ހިންގާ “ވިލުންވެރިން ކަނބަލުން“ ކެމްޕޭންގެ ތެރެއިން ތައާރަފުކުރެވުނު މި ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ 4 ސެޝަނަކަށް ބަހާލައިގެންނެވެ.
މި މަހު ފެށުމަށް ހަމަޖެހިފައިވާ ޖުމްލަ 8 ގަޑި އިރުގެ މި ކޯހުގެ ކޮންމެ ސެޝަންއަކީ ވެސް 2 ގަޑި އިރެވެ. ކޯހުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ 10 ދުވަހުގެ މުއްދަތަކަށެވެ.
މި ކޯހުގައި ގޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ އުނދުނާއި އަވަނާއި އޭސީ ފަދަ ތަކެތި އެންމެ އެކަށީގެންވާ ގޮތަށް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެއެވެ. އަދި އެތަކެތި މަރާމާތު ކުރާނެ ގޮތުގެ ބޭސިކްސް އުނގަންނައިދެވޭނެއެވެ.
މި ކޯހުގައި ބައިވެރިވުމަށް https://forms.gle/4inMaeHFwBAt6SMK8 މި ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.