ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ނިސްބަތްކޮށް ހަދާފައިވާ ލަވައިގެ ފަހަތުގައި އޮތީ ވަކަރުގޭ އަޚުލާގާއި ސުލޫކު ކަމަށާއި އެފަދަ އެއްޗެތި ފެތުރުމަކީ އިސްލާމްދީނާ ޚިލާފުކަމެއް ކަމަށް ޝައިޚް ޢަލީ ޒައިޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙަށް ވަގަށް ގޮވައި ހަދާފައިވާ ތިން ލަވައެއް ޗެނަލް 13 އިން ބްރޯޑްކާސްޓް ކޮށްފައިވާ މައްސަލައިގައި މިއަދު ކުރެއްވި ޓުވީޓެއްގައި ޒައިދު ވިދާޅުވީ އެއިން އެއް ލަވަ މިއަދު އިވިއްޖެ ކަމަށާއި އެ ލަވައިގެ ފަހަތުގައި އޮތީ ވަކަރުގޭ އަޚުލާގާއި ސުލޫކު ކަމަށެވެ.
”ޗެނަލް 13 އިން ފަތުރާ އެބުނާ ލަވައެއް އަޅުގަނޑަށްވެސް މިއަދު އިވިއްޖެ. އެ އަޑުއިވުމުން އަޅުގަނޑަށް ސިފަވީ އެލަވަ ލިޔެ ތައްޔާރުކުރުމުގެ ފަހަތުގައި އޮތް ވަކަރުގޭ އަޚުލާގާއި ސުލޫކު. މިފަދަ ވިޔާނުދާ އެއްޗެތި ޒިންމާދާރު ތަންތަނުން ފެތުރުމަކީ ވަަރަށް ލަތުވެތި އިސްލާމްދީނާ ވެސް ޚިލާފުކަމެއް.“
ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް 13 އަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ޗެނަލްއިން ދައްކާފައިވާ ތިން ލަވައެއް އަޑާއި މަންޒަރު ހިމެނޭ ގޮތަށް ބްރޯޑްކާސްޓްކުރުން ހުއްޓައިލުމަށް އަންގާފައެވެ. އެ ތިން ލަވައަކީ ”ލުޓޭރު އިބުރޭ“ އާއި ”ކަނޑުފޭރޭ ޗޯރު“ އާއި ”ފެލާލައިފި“ މި ތިން ލަވައެވެ.
ބްރޯޑްކޮމްއިން އަންނަނީ މި މައްސަލަ ބަލަމުންނެވެ.