އިންޑިޔާގެ ކަލާސް ޓީވީން ގެނެސްދޭ ސްޓަންޓް ރިއަލިޓީ ޝޯ ”ހަތުރޯން ކޭ ކިލާޅީ“ގެ ސީޒަން 13 ގެ ޕްރޮމޯތަކެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ ޝޯގެ ޕްރޮމޯތަކެއް ދައްކާލި އިރު އެ ޝޯ މަންޒަރުތައްނެގުމަށް ޓީމް މިހާރު އަންނަނީ ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި މަސައްކަތް ކުރަމުންނެވެ.
މި ޝޯގެ ޝޫޓިން ކުރިއަށް ދިޔަ ނަމަވެސް ބެލުންތެރިންނަށް ޝޯ ގެނެސްދޭނެ ދުވަހެއް އަދި ނޭނގެއެވެ.
މި ފަހަރުގެ ސީޒަންގައި ވެސް މަޝްހޫރު ޓީވީ ސެލެބްރިޓީންތަކެއް ހިމެނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ދާދި ފަހުން ސްޓާ ޕްލަސްގެ ސިލްސިލާ ”ގުމް ހެ ކިސީ ކޭ ޕިޔާރު މޭ“ ގައި ޕާކީގެ ރޯލު ނިމުމަކަށް އައި އައިޝްވާރިއާ ޝަރުމާ އާއި އެކްޓަރު އަރިޖިތު ތަނޭޖާ އާއި ރޯހިތު ރޯއި އާއި ”ބިގް ބޮސް 16“ ގައި ވާދަކުރި ޝިވް ތާކްރޭ އާއި އަރްޗަނާ ގޯތަމާއި ޝީޒާން ޚާނާއި ރޫހީ ޗަތުރަވެދީ އާއި އަންޖުމް ފާކިހް އާއި ޑީނޯ ޖޭމްސް އާއި ނައިރާ ބެނަޖީ އާއި އަންޖަލީ އާނަންދު އަދި ސައުންދަސް މުފާކިރާ ހިމެނެއެވެ.
މި ޝޯގެ މިދިޔަ އަހަރުގެ ސީޒަން ކާމިޔާބުކޮށްފައި ވަނީ ކޮރިއޮގްރާފަރ ތުޝާރް ކާލިއާއެވެ.