ޑައިރެކްޓަރު ސަންދީޕް ކީލާނީއާއި އަބީޝެކް ކަޕޫރުގެ ފިލްމު ”ސްކައި ފޯސް“އިން ބަތަލާ ސާރާ އަލީ ޚާންއާ އެކު ސާރާގެ ކުރީގެ ލޯބިވެރިޔާ ވީރު ޕަހަރިޔާ ފެންނާނެކަން ކަށަވަރު ވެއްޖެއެވެ.
ވީރް ޕަހަރިޔާއަކީ އިންޑިއާގެ ކުރީގެ ސިޔާސީ ލީޑަރު ސުޝިލް ކުމާރު ޝިންޑޭގެ ކާފަ ދަރިފުޅެވެ. ފިލްމީ ދާއިރާއާއި މިއުޒިކީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ވީރް ޕަހަރިޔާއަކީ ޒުވާން ވިޔަފާރިވެރިއެއް ވެސް މެއެވެ.
މިދިޔަ މެއި މަހު ފިލްމުގެ ”ސްކައި ފޯސް“ގެ މަސައްކަތް ފަށާފައިވާއިރު މި ފިލްމުގެ ލީޑް ރޯލް ކުޅޭނީ އެކްޓަރު އަކްޝޭ ކުމާރުއެވެ. އިންޑިއާގެ ގިނަ ސަރަޙައްދުތަކުގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ނިންމާފައިވާއިރު މި ވަގުތު ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.
ފިލްމުގައި ސާރާ ކުޅޭ ރޯލް އަދި ވަނީ ސިއްރުކުރެވިފައެވެ.
ވީރް ޕަހަރިޔާގެ ޢާއިލާއަކީ އިންޑިއާގެ އެންމެ މުއްސަނދި އަމްބާނީ ޢާއިލާއާ ވެސް ގާތް ގުޅުމެއް އޮންނަ ޢާއިލާއެކެވެ. ސާރާއާއި ވީރު ޕަހަރިޔާގެ ލޯބީގެ ގުޅުން ފެށުނީ 2016ވަނަ އަހަރުއެވެ. އޭގެ ދުވަސްކޮޅެއް ފަހުން 2 މީހުން ވެސް ވަނީ ވަކިވެފައެވެ.