މެންޗެސްޓާ ސިޓީ އިން 2-1 ލަނޑުގެ ތަފާތުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްގެން އެފްއޭ ކަޕް ކާމިޔާބުކޮށްފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން 13 ވަނަ ސިކުންތުގައި ސިޓީ އިން ވަނީ ލީޑު ނަގައިފައެވެ.
އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސިޓީއަށް ލީޑު ނެގި ގޯލު ޖަހައިދިނީ ކެޕްޓަން އިލްކާއި ގުންޑޮއާންއެވެ. މިއީ އެފްއޭ ކަޕްގެ ތާރީހުގައި ވެސް ފައިނަލް މެޗެއްގައި ފެނުނު އެންމެ އަވަސް ގޯލެވެ.
ޔުނައިޓެޑުން ފުރަތަމަ ހާފް ނިންމާލީ ނަތީޖާ އެއްވަރު ކޮށްގެންނެވެ. ޖެކް ގްރީލިޝް އަތުގައި ބޯޅަ ޖެހިގެން ލިބުނު ޕެނަލްޓީ، މެޗުގެ 33 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.
ސިޓީ އިން މެޗުގައި 2 ވަނަ ފަހަރަށް ލީގު ނެގި ގޯލު ވެސް ޖަހައިިދިނީ ގުންޑޮއާންއެވެ. އޭނާ މި ގޯލު ޖެހީ 51 ވަނަ މިނިޓުގައި ކެވިން ޑިބްރޭނާ ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.
މި ސީޒަންގައި އެޓީމުން ”ޓްރެބަލް“ 3 ތަށި ހޯދަން ކުރާ އުންމީދު މިއާއެކު ދަމަހައްޓާފައެވެ.
ޔުނައިޓެޑުން އިތުރު ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ސިޓީ އިން 2 ވަނަ ގޯލު ޖެހި ފަހުން ކުޅެން އެރި އަލެހަންޑްރޯ ގާނާޗޯ ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ކާމިޔާބެއް ނުވިއެވެ.
މިއީ ސިޓީ އިން ކާމިޔާބު ކުރި 7 ވަނަ އެފްއޭކަޕް ތަށްޓެވެ. ކޯޗު ޕެޕް ގާޑިއޯލާ އާއެކު އެޓީމުން ކާމިޔާބު ކުރި 2 ވަނަ އެފްއޭކަޕް ތަށި ވެސް މެއެވެ.