ޔޫރަޕުގައި ތަކެތީގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން ރޭޓު މިހާތަނަށް ވެއްޓިފައި ނުވާހާ ދަށް މިންވަރަކަށް ވެއްޓިއްޖެއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ތަފާސް ހިސާބުތައް ބަލަހައްޓާ ޔޫރޯސްޓެޓް އެޖެންސީން އާންމުކުރި ވަގުތީ ހިސާބުތައް ދައްކާ ގޮތުން ފައިސާގެ ގޮތުގައި ޔޫރޯ ބޭނުންކުރަމުން އަންނަ ޔޫރަޕުގެ 20 ގައުމެއްގައި އިންފްލޭޝަން ރޭޓު މިދިޔަ މަހު ހުރީ %6.1ގައެވެ.މި މިންވަރު އޭޕްރިލް މަހުގައި ހުރީ %7ގައެވެ.
މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު ދުނިޔޭގެ ހަކަތައާ ބެހޭ މާކެޓުތަކަށް ލޮޅުުންތައް އެރި ފަހުން ފަހުން، ޔޫރަޕުގެ އިންފްލޭޝަން ރޭޓު މިހާ ދަށަށް ދިޔަ ފުރަތަމަަ ފަހަރެވެ.
ޔޫރޯ ބޭނުންކުރަމުން އަންނަ 20 ގައުމެއްގައި މިދިޔަ މަހު ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް ވެސް ވަނީ ދަށަށް ޖެހިލާފައެވެ. ކާބޯތަކެއްޗާއި ހަކަތައާ ބެހޭ ބާވަތްތައް ނުހިމަނާ ވަޒަންކުރާ ’ކޯ އިންފްލޭޝަން‘ ރޭޓު ވަނީ %5.3އަށް މަޑުޖެހިލާފައެވެ.
މިއީ ފާއިތުވެދިޔަ 4 މަސް ތެރޭ މި މިންވަރު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
ޔޫރަޕުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް މިދިޔަ އަހަރުގެ ޖުލައި މަހު %0.5- ގައި ހުރި އިންޓްރަސްޓު ރޭޓު ޔޫރަޕިއަން ސެންޓްރަލް ބޭންކުން ވަނީ މުރާޖައާކޮށް އެ މިންވަރު މަތިކޮށްފައެވެ. އެ މިންވަރު މިހާރު ހުރީ %3.25ގައެވެ.
ޔޫރަޕުގެ ވަކިވަކި ގައުމުތަކުން ޝާއިއު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ޖަރުމަނު، ފްރާންސް، އިޓަލީ އަދި ސްޕެއިނުގެ އިންފްލޭޝަން ރޭޓު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ.
ޔޫރަޕުގެ އެންމެ ބޮޑު 4 އިގްތިސާދުގައި އެކި ކަހަލަ މުދަލުގެ ބާވަތްތަކުގެ އަގުތައް ވަނީ ވަރަށް ބޮޑުތަނުން ވެއްޓިފައެވެ.