ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އީލޮން މަސްކްއަށް އަލުން ލިބިއްޖެއެވެ.
އެ މަގާމު އީލޮން މަސްކްއަށް ލިބުނީ ބާނާޑް އާނޯލްޓްގެ ލުއީ ވިޓަންގެ ހިއްސާ ކުށްލިއަކަށް ދަށްވުމުންނެވެ.
ފްރާންސްގެ ލަގްޒަރީ ބްރޭންޑް ލުއިސް ވިޓަން ބާނާޑް އާނޯލްޓްގެ ސީއީއޯ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އަނެއްކާވެސް އީލޮން މަސްކް ހޯދައިފި ކަމަށް ބްލޫމްބާގް ބިލިއަނާސް އިންޑެކްސް އިން ވަނީ ކަށަވަރު ކޮށްދީފައެވެ.
ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން ދައްކާ ގޮތުގައި މަސްކްގެ މިލްކިއްޔާތު ހުރީ ގާތްގަނޑަކަށް 192 ބިލިއަން ޑޮލަރުގައެވެ.
މަސްކް އާއި އާނޯލްޓްގެ ފަހަތުން ވާދަކުރާ ޖެފް ބެޒޯސްގެ މިލްކިއްޔާތުގައި ހުރީ 144 ބިލިއަން ޑޮލަރެވެ.
ބިލްގޭޓްސްގެ މިލްކިއްޔާތުގައި 125 ބިލިއަން ޑޮލަރު ހުރިކަމަށްވެސް ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން ދައްކައެވެ.
މި އިންޑެކްސްއަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ކޮންމެ ދުވަހަކު ވެސް ރޭންކިން ކުރާ އިންޑެކްސްއެކެވެ.
މި ހިސާބުތަކުގެ ތަފްސީލް ކޮންމެ ބިލިއަނަރެއްގެ ޕްރޮފައިލް ޕޭޖުގެ ނެޓްވޯތު އެނަލިސިސްގައި ދީފައިވާ އިރު ނިއުޔޯކްގެ ވިޔަފާރީގެ ކޮންމެ ދުވަހެއް ނިމުމުން މި އަދަދުތައް އަޕްޑޭޓް ކުރެއެވެ.
އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެންމެ ކުރީގައި މިވަގުތު ތިބީ މަސްކް އާއި އާނޯލްޓްއެވެ.