ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި 5 މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ 20 މާރިޗު 2023 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު ޗީބޯ ކެފޭ ކައިރިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރައްވަމުން ގެންދެވި މޮޓޯކޭޑް އަށް ހުރަސްއަޅައި އަޑުގަދަކޮށް އާއްމު މަސްލަހަތު ނަގާލައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 5 މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ހުޅުމާލެ 11328 ގޯތި, މުޙައްމަދު ޢައްބާސާއި,
ދަފްތަރު ނަންބަރު ރސ 9151 އަޙްމަދު ރަޝީދާއި, ހުޅުމާލެ ފްލެޓް 06-2-154 އަޙްމަދު ޢަޒީލްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް އެ ދައުވާކުރަން ހުށަހެޅީ 31 މޭ 2023 ގައެވެ.
ގއ.ދެއްވަދޫ އެސްޓަންވިލާ އަޙްމަދު ސިނާންއާއި ށ.ބިލެތްފަހި ސޭޑީކޯނަރ މަރްޔަމް މާޝާގެ މައްޗަށް އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރަން ހުށަހެޅީ 16 މޭ 2023 ގައެވެ.