ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އައްޑޫ ސިޓީއަށް ފުރާވަޑައިގެންފިއެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތާއި ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައި ލައްވައި ހުޅުދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ވެސް ޒިޔާރަތްކުރައްވާނެ ކަމަށެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާއި އ.ތ.މ ކޮމިޓީއާއި ބައްދަލުކުރައްވާނެ ކަމަށާއި އައްޑޫ ސިޓީގެ ރައްޔިތުންނާއިއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.