ހަށިވިއްކުމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި 13 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި ދެން ތިބި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެންޓި ޓްރެފިކިންގ ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގުރޭޝަން ގުޅިގެން މެއިމަހުގެ 17 ވަނަ ދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް ހައްޔަރުކުރީ ބަންގްލަދޭޝް 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނަކާއި ތައިލެންޑްގެ 4 އަންހެނުންނެވެ.
ކްރިމިނަލް ކޯޓުން އެ އެންމެންގެ ބަންދަށް ވެސް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމާއެކު ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ބަންދުން ދޫކޮށްލައިފައެވެ. އާރިފް ގަމާޑާ (35 އ) ކިޔާ އެ ފިރިހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ މީހެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ދެން ތިބި 7 ފިރިހެނުންގެ ބަންދަށް 30 ދުވަސް ޖެހިއިރު، ދެ އަންހެނެއްގެ ބަންދަށް ވެސް އިތުރުކުރީ 30 ދުވަހެވެ.
ބާކީ ތިބި ތިން އަންހެނުންގެ ތެރެއިން ދެ އަންހެނެއްގެ ބަންދަށް 15 ދުވަސް އިތުރުކުރިއިރު، އަނެއް މީހާގެ ބަންދަށް އިތުރުކުރީ 10 ދުވަހެވެ.