ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި އެކަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 23:25 ހާއިރު މަޖީދީމަގު ޑައިނަމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު، ހައި ވިޒިބިލިޓީ ފުލުހުން ހުއްޓުވާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީ ހިންގަން އުޅުނު ބައެއް މީހުން ފިލާފައިވާ ކަމަށާއި އެ ތަނުން ދެ މީހަކު ފިލާފައިވަނީ އެ މީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ދެ ސައިކަލު މިހާރު ޓޯ ކޮށްފައިވާ ކަމަށެވެ.
އަދި ފިލައިގެން ދިޔަ މީހުން ދެނެގަނެ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.