ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕާކިސްތާނުގެ ހަތަރު މީހުންގެ ހަށިގަނޑުގައި 227 ބްލެޓް (2.8 ކިލޯ) ގެ މަސްތުވާތަކެތި ހުރިކަމަށް ފުލުހުން ބުނެފިއެވެ.
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ތިން ފިރިހެނުންނާއި އަންހެނަކު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެ 4 މީހުން ވެސް ފަަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މެއި 31 ގައި އަމުރުކުރިއެވެ. އެއީ އޭރު އެ މީހުން ތިބީ ދޫނިދޫ މެޑިކަލް ކްލިނިކްގައި ކަމަށްވާތީ, ހަށިގަނޑުގައި ހުރި ޑްރަގް ބޭރުކުރެވުމުން ކްލިނިކުން ދޫކޮށްލާ ވަގުތުން ފެށިގެން 24 ގަޑިއިރުތެރޭގައި އަލުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައެވެ.
އެ މީހުންގެ ހަށިގަނޑުގައި ހުރި ޑްރަގް ބޭރުކުރެވުމާއެކު ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ވަނީ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 30 ދުވަސް އިތުރުކޮށްފައެވެ.
ހައްޔަރުކުރި މީހުންނާއި އެ މީހުންގެ ހަށިގަނޑުން ބޭރުކުރި ޑްރަގްގެ ތަފްސީލް:
ހަވާރް ޙުސައިން, 36 އ : 62 ބުލެޓް
ނަޢީމް ޠާރިޤް, 32 އ : 75 ބުލެޓް
މިޞްބާޙު ބިބީ, 32 އ : 10 ބުލެޓް
ޝާހްޒާދު ޙުސައިން, 36 އ : 80 ބުލެޓް
ޖުމްލަ 227 ބުލެޓުގައި 2.8 ކިލޯ ހުރިކަމަށް ކޯޓު އަމުރުތަކުގައި ބުނެފައިވެއެވެ.