އިންޑިޔާގެ މަޝްހޫރު ފިލްމީ ކަޕުލް އަމީތާބާއި ޖާޔާގެ ކައިވެންޏަށް މިއަދު 50 އަހަރު ފުރިއްޖެއެވެ.
50 އަހަރު ފުރުމުގެ އުފަލުގައި އެދެމަފިރިންގެ ދަރިފުޅު ޝްވެތާ ބައްޗަން އިންސްޓަގްރާމްގައި ވަނީ ޕޯސްޓެއް ކޮށްފައެވެ.
އަމީތާބާއި ޖާޔާގެ ޅަދުވަހުގެ ފޮޓޯއެއް ހިއްސާކޮށް އެ ކައިވެނީގެ ރަން ޔޫބީލްގެ ތަހުނިޔާ ވަނީ ކިޔާފައެވެ.
ޝްވެތާ ހިއްސާ ކުރި ފޮޓޯގައި އަމީތާބާއި ޖާޔާ ފާރެއްގައި ލެނގިގެން އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުންނަ މަންޒަރު ފެންނަ އިރު މަންޒަރު ޖެހި ގަމީހަކާއި ފައިކުރި ފުޅާ ފަޓުލޫނެއްގައި އަމީތާބު ހުރި އިރު ޖާޔާ ހުރީ ސާރީއެއްގައެވެ.
އަމީތާބާއި ޖާޔާ ކައިވެނި ކުރީ 1973 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. އެ ކައިވެންޏަށް 2 ދަރިން ލިބުނެވެ.
އަމީތާބް ބައްޗަންއާއި ޖާޔާ ބާދޫރީއަކީ 70 އާއި 80ގެ އަހަރުތަކުގައި ބޮލީވުޑުން އެންމެ ވިދާލި ދެތަރިންނެވެ. ގިނަ ފިލްމުތަކެއް ކުޅެފައިވާ މި ދެތަރިންނަކީ ދިރިއުޅުމުގައި ވެސް ލާމަސީލު ދެމެފިރިންގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.