ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް މި ގައުމުގެ ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީއެއް ނެތް ކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރާއްޖެއާއި ޗާގޯސްގެ އިމުގެ މައްސަލައިގައި
އިދިކޮޅު ފަރާތްތަކުން ގުޅިގެން މިހާރު ކުރިއަށްގެންދާ ޖަލްސާގައެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވާފައިވާތީ ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެސް ބޭނުންފުޅުވީމަކާ ތަންތަނަކަށް ސިޓީއެއް ނުފޮނުއްވޭނެ ކަމަށާއި އެ ކަންކަން މި އޮންނަނީ ގާނޫނުގެ ހުދޫދުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ގާނޫނާ ޚިލާފަށް ފޮނުއްވުމުން ކަނޑުން ބައެއް ގެއްލިއްޖެ ކަމަށާއި އެކަމުގެ ޒިންމާ ރައީސް ޞާލިޙް ނަންގަވަންޖެހޭ ކަމަށެވެ.
“ތިބޭފުޅާއަކަށެއް ދެނެއް މޯރަލް އޮތޯރިޓީއެއް ނެތޭ. މި ގައުމުގެ ވެރިކަމުގަ ހުންނެވުމުގެ މޯރަލް އޮތޯރިޓީއެއް ނެތޭ.“ ނާޒިމް ވިދާޅުވިއެވެ.