މަސްއޫލިއްޔަތު އަދާނުކުރެއްވޭނަމަ ގެއަށް ވަޑައިގަތުމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ.
ރާއްޖެއާއި ޗާގޯސްގެ އިމުގެ މައްސަލަ ނިމުނު ގޮތުން ރާއްޖޭގެ އިގުތިސާދީ ސަރައްހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން, “ބާނަ ބާނަ ތިއްބައި ތިޔަ ވިއްކައިލީ ކަނޑު“ މި ނަމުގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމަށާއި ދިވެހި ދައުލަތް މިނިވަން ދައުލަތެއްގެ ގޮތުގައި އޮތީ އެހެންވެ ކަމަށެވެ. ނަމަވެސް ދޭތެރެއަކުން ދިވެހިންގެ ތެރެއިން ބައެއް ޚާއިނުން ވެރިކަމުގެ ބޭނުމުގައި ރާއްޖޭގެ މިނިވަންކަން ނަގައިލަން މަސައްކަތް ކޮށްފައި އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން އިބްރާހިމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވައި އެމަނިކުފާނާ އަޅުގަނޑުމެން ހަވާލުކުރީ ދިވެހި ދައުލަތް މިނިވަން ދައުލަތެއްގެ ގޮތުގަ. ދިވެހިރާއްޖެ ސަރަހައްދު އަޅުގަނޑުމެން ގާނޫނުން ކަނޑައަޅާފައިވާ އިމުގެ ތެރޭގަ ރައްކާތެރިކޮށް ދެމެހެއްޓުމަށް“
އެހެންނަމަ ވެސް ފެނިގެންދިޔައީ އެ މަންޒަރެއް ނޫން ކަމަށް މުނައްވަރު ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އަޅުގަނޑުމެން ދިވެހި މަސްވެރިން މަސް ބާނަ ބާނާ ތިއްބާ މަސް ބާނަން ތިބި ކަނޑު އެއްވެސް ރަހުމެއް ނެތި ދިވެހި ރައްޔިތުންނާ ދޭތެރޭ އެއްވެސް ކަހަލަ އޯގާތެެރިކަމެއް ނެތި އެއްވެސް ފިކުރެއްނެތި ވިއްކައިލީ.“
“އިބްރާހިމް މުޙައްމަދު ޞާލިޙާ އޭނަގެ ސަރުކާރަށް އަޅުގަނޑުމެން ޑިމާންޑް ކުރަނީ އޭނަގެ މަސްއޫލިއްޔަތު އަދާކުރުމަށް. އާދެ ދިވެހިރާއްޖޭގެ ސަރަހައްދު އޭގެ ގޮތުގަ ކަނޑުގެ ސަރަހައްދުކަމަށް ވިޔަސް އަދި އެހެން ސަރަހައްދެއް ކަމަށް ވިޔަސް އޭގެ ގޮތުގަ ދިވެހިރާއްޖެ ގާނޫނުން ކަނޑައަޅާފައި އޮތް އިމުގެ ތެރޭގަ ދަމަހައްޓާ ދިނުމަށް.“
މުނައްވަރު ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ނުހޯއްދެވޭކަމަށްވަންޏާ ގެއަށް ވަޑައިގަތުމަށް ދަންނަވައިފައެވެ. އަދި ކަނޑުން ބައެއް ގެއްލުމުން ދިވެހިން ތިބީ އެކަމަށް ރުހިގެން ނޫންކަމަށް އޭނާ ވިިދާޅުވިއެވެ.