ދޮޅު ލައްކަ ރުފިޔާގެ މުދާ އެރުވުމަށް ފަހު، ގެންދަން ބުނި ތަނަށް ނުގެންގޮސް ފިލި ޓެކްސީއެއް ފުލުހުން ހޯދައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު އިން އިއްޔެ ހަވީރު ޓެކްސީއެއް ނަގައި، އޭގައި 150،000 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ތަނަކަށް ގެންދަން ހަވާލުކުރުމުން އެ މުދާ ބުނި ތަނަށް ނުގެންގޮސް، ޓެކްސީ ފިލި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އެ މައްސަލައާ ގުޅިގެން ސީސީޓީވީ ފޫޓޭޖް ބަލައިގެން އެ ޓެކްސީ ހޯދައި، މުދާތައް ވެސް ހޯދާފައިވާ ކަމަށް ފުލުހުން މިހާރު ވަނީ ބުނެފައެވެ.
މައްސަލާގައި މުދާތަކާއެކު ފިލި ޓެކްސީ ޑްރައިވަރަށް ފިޔަވަޅު އެޅި ކަމަކަށް ފުލުހުން ބުނެފައިނުވެއެވެ.
މިދިޔަ 3 އަހަރުގަި އެންމެ ގިނައިން ރިޕޯޓްކުރީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.
ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމަކަށް ވެސް ދިވެހި ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން އަބަދު ވެސް ލިބޭނެ ކަމަށް ފުލުހުން ބުނެއެވެ.