ގދ.ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން އިއްޔެ އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.
މި މަޝްރޫއުގެ ދަށުން އިންޑަސްޓްރިއަލް ޒޯންގެ 3 ހެކްޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
މިީގެއިތުރުން 32647 ކިއުބިކް މީޓަރުގެ ވެލި ރިވެޓްމެންޓަށް ބަރުކުރުމާއި 254 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 89 މީޓަރުގެ ޕްރީކާސްޓް އާރްސީ ރީޓެއިނިންގ ފާރެއްލުމާއި ބަނދަރު ބައްތި ހަރުކުރުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 47 މީޓަރު ދިގު, 3 މީޓަރު ފުޅާ ޓިމްބަރ ޖެޓީއެއް ހެދުމާއި ޕިކްނިކް އައިލެންޑްގެ 2 ހެކްޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި ޕިކްނިކް އައިލެންޑްގެ 474 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ޕިކްނިކް އައިލެންޑްގެ 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަޝްރޫޢަކީ 53.41 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.