ކުށްތަކާ ދުރު, ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ 2023” މިއަދު ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ޖަލުތަކުގެ ކަންކަން ރަނގަޅު ކުރުމަށާއި ގައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް އަމާޒުކޮށް ހުނަރުތައް ދަސްކޮށްދިނުމާއި ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށްގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ 2023” ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކ.މާފުށީ ސްކޫލުގައެވެ.
މި ފެއާގައި ސާޅީހަށްވުރެ ގިނަ ގައިދީންގެ މަސައްކަތްތައް ހިމަނާފައިވެއެވެ. އޭގެތެރޭގައި އަތްތެރި މަސައްކަތުން ތައްޔާރުކޮށްފައިވާ 800 އުފެއްދުމާއި ކުރެހުންތަކާއި 2400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.