އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، ޖަވާބުދާރީވެވަޑައިގަތުމަށް ބަންޑާރަނައިބު އިބްރާހީމް ރިފްޢަތު ނިންމަވައިފިއެވެ.
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް ޖަލްސާއަށް ހާޒިރުވެވަޑައިނުގެން އޭނާ ވަނީ ލިޔުމުން ޖަވާބު ފޮނުއްވައިފައެވެ.
ނަމަވެސް ރިފްޢަތު މަޖިލީހަށް ހާޒިރުވެވަޑައިނުގެން ޖަވާބުދާރީވެވަޑައިގަންނަވާނެ ގޮތަކާމެދު މަޖިލީހުގެ އާންމު ކޮމިޓީން ގޮތެއް ނިންމާފައިނުވާތީ އެކަމުގެ ސަބަބުން އިދާރީ މައްސަލައެއް އުފެދިފައިވާކަމަށް ވިދާޅުވެ ސިޔާސީ ލީޑަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ރިޔާސަތުން އެ ދުވަހު ޖަލްސާ މެދުކަނޑައިލެއްވިއެވެ.
ނަމަވެސް ބައިގަޑިއެއްހައި އިރަށް ޖަލްސާ މެދުކަނޑައިލައްވައި ކުރެވުނު މަޝްވަރާއަކުން ހައްލެއް ނުލިބުނެވެ. އެމްޑީޕީ ފިޔަވައި އިދިކޮޅު ޕާޓީތަކުން ބުނަނީ ރިފްޢަތު މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަންޖެހޭ ކަމަށެވެ.
މަޝްވަރާއިން ހައްލެއް ނުލިބުމުން ނަޝީދު ވިދާޅުވީ ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެންޖެހޭ ކަމަށެވެ.
މިކަމާ ގުޅިގެން މަޖިލީހަށް ރިފްޢަތު ފަހުން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ލިޔުމުން ޖަވާބުދާރީވެވަޑައިގަތީ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް މައްސަލަ ސާފުކޮށްދެއްވުމުގެ ނިޔަތުގައި ކަމަށެވެ. އަދި ބުދަ ދުވަހުގެ ޖަލްސާ ނިމުނުއިރު ވެސް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި އެކަން ހަމަޖައްސަވައި ދެއްވުމަށް ރިފްޢަތު ވަނީ އެދިވަޑައިގެންފައެވެ.
އިދިކޮޅު ޕާޓީތަކުގެ މެންބަރުން ގުޅިގެން ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެ-މޮރިޝަސްގެ އިމުގެ މައްސަލާގައި އޭނާ ގާނޫނާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ.