މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި މިއަދު ބަހުގެ ޚިދުމަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ފެށި ބަހުގެ ޚިދުމަތުގެ މަގުސަދަކީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން އުފުލުމުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ދިނުމެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ބަހުގެ ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެއް ކަމަށެވެ.
“ހުޅުމާލޭއާއި މާލޭގައި ސިޓީ ކައުންސިލުން ބަހުގެ ޚިދުމަތް ދިނުމާގުޅޭ އުސޫލު“ ކައުންސިލުން ގެޒެޓްކޮށްފައިވާއިރު އެ އުސޫލުގައިވާ ގޮތުން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލްގެ މުވައްޒަފުންނަށް ކައުންސިލް ބަހުގައި ދަތުރު ކުރެވޭނެއެވެ. އަދި ޕްރައިވެޓް ހަޔަރގެ ގޮތުގައި ވެސް ޚިދުމަތް ދެވޭނެއެވެ.
ބަހުގެ ޚިދުމަތް ބޭނުންކުރާ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން އަތުން ފީއެއް ނުނަގާނެއެވެ. ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ބަހުގައި ދަތުރުކުރެވޭނީ ބަސްކާޑު ހިފައިގެންނެވެ.
ނަމަވެސް ކައުންސިލްގެ މުވައްޒަފުންގެ އިތުރުން އެހެން އިދާރާއެއްގެ މުވައްޒަފުން ބަހުގައި ގެންދަން ބޭނުންނަމަ ކޮންމެ ދަތުރެއްގެ ކޮޅަކަށް އެ އޮފީހަކުން ދައްކަންޖެހޭ އަދަދަށް އުސޫލުގައިވާ ފަދައިން ފައިސާ ދެއްކުމުން ދަތުރު ކުރެވޭނެއެވެ.
އެއްވެސް އަގަކާނުލާ ހިލޭ ސާބަހަށް ބަހުގައި ދަތުރު ކުރެވޭނެ ފަރާތްތަކަކީ އުމުރުން 65 އަހަރުން ފެށިގެން ދޮށީ އުމުރުގެ ބޭފުޅުންނާއި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން 6 އަހަރުން ދަށުގެ ކުޑަކުދީންނެވެ.