މިދިޔަ އަހަރުގެ ފައިދާއިން ކޮންމެ ހިއްސާއަކަށް 77 ރުފިޔާ ބަހަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ބޯޑުން ނިންމާފައިވާ ގޮތަށް، ހިއްސާދާރުން ފާސްކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގާއި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ފައިދާ ބެހުމަށް ފާސްކުރުމުގެ އިތުރުން، އެސްޓީއޯ އޮޑިޓްކުރާ ކުންފުންޏަކަށް މި އަހަރު ވެސް ޕީޑަބްލިޔޫސީ ހަމަޖެއްސިއެވެ.
ނިމިގެން ދިޔަ 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ.
މިދިޔަ އަހަރު ކުންފުންޏަށް ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 1.5 ބިލިއަން ރުފިޔާއެވެ. ފައިދާގެ ގޮތުން މިއީ 41 ޕަސެންޓުގެ ކުރިއެރުމެކެއެވެ.
ޓެކުހަށް ކެނޑުމަށް ފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 742 މިލިއަން ރުފިޔާ ރިކޯޑު ކުރެވިފައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 52 ޕަސެންޓުގެ ކުރިއެރުމެކެވެ.