ސިންގަޕޫރުގައި ބާއްވާ އަމަނާ ބެހޭ ވާހަކަތައް ”ޝަންގްރި ލާ ޑައިލޮގް“ގައި އެމެރިކާއާއި ޗައިނާގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ޗައިނާ އިން ނޫނެކޭ ބުނެފިއެވެ.
އެމެރިކާ ދެކޭ ގޮތުގައި އެމެރިކާއާއި ޗައިނާގެ ދިފާއީ ވަޒީރުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުން ވަރަށް މުހިއްމު ކަމަށާއި މިފަދަ ބައްދަލުވުމެއް ނުބާއްވާނަމަ ކަންކަން ގޯހުން ގޯހަށް ގޮސް 2 ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެ ކަމުގެ ބިރު އޮންނާނެ ކަމަށް އެމެރިކާ ބުނެއެވެ.
2 ގައުމުގެ އިތުރުން ދުނިޔޭގެ މަސްލަހަތަށްޓަކައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ޗައިނާ ސަރުކާރަށް ހުށަހެޅި ހުށަހެޅުމަށް ޗައިނާގެ ދިފާއީ ވުޒާރާއިން ދެކޮޅު ހަދާފައިވާތީ އެެމެރިކާ ހިތްހަމަނުޖެހެއެވެ.
މި ބައްދަލުވުމަށް ދެކޮޅު ހެދި ސަބަބު ޗައިނާގެ ދިފާއީ ވުޒާރާއިން ރަސްމީ ސިފައެއްގައި އަދި ހާމައެއްނުކުރެއެވެ.
އެމެރިކާ ތަކުރާރުކޮށް ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ދެކުނު ޗައިނާ ކަނޑުގައި ހަމަނުޖެހުން އުފައްދަން އެމެރިކާ މަސައްކަތްކުރާ ކުރުމަކީ ޗައިނާ ކަންބޮޑުވާ ކަމެއް ކަމަށާއި މި ކަންކަން އެމެރިކާ ކުރާހާ ހިނދަކު އެމެރިކާއާ ކުރާނެ އަސްކަރީ މަޝްވަރާއެއް ނޯންނާނެ ކަމަށް ޗައިނާގެ ރަސްމީ މިޑިއާ އިން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ބުނެފައި ވަނީ އެމެރިކާގެ އަމަލުތައް މިގޮތަށް ހުންނަ އިރު އެމެރިކާއާއެކު އަސްކަރީ އަދި ދިފާއީ ގޮތުން މަޝްވަރާކުރުމަކީ ބޭކާރު ކަމެއްކަމަށެވެ.