ޔޫކްރެއިނުން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފައި ވަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ކަމުގައި ރައީސް ވްލަޑިޔަރ ޕުޓިން ވިދާޅުވެއްޖެއެވެ.
ހަމަލާތައް އަމާޒުކޮށްފައި ވަނީ މޮސްކޯގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި އާންމުންގެ ގެދޮރަށް ކަމުގައި ވީ ނަމަވެސް ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށް ޑްރޯން ހަމަލާތައް ދިފާއުކޮށްފައިވާ ކަމުގައި ޕުޓިން ވިދާޅުވިއެވެ.
މޮސްކޯއަށް ހަމަލާދޭން 8 ޑްރޯން ބޭނުންކޮށްފައިވާ ކަމުގައި ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެފައިވާ އިރު މިއީ ޔޫކްރެއިނުން ފަހަތުގައި އޮވެގެން ދީފައިވާ ހަމަލާތަކެއް ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ.
ޔޫކްރެއިނުން އެ ތުހުމަތުތައް ވަނީ ދޮގު ކޮށްފައެވެ.
ޕުޓިން ވިދާޅުވީ ޔޫކްރެއިނުން ޑްރޯން ހަމަލާތައް ދީފައި ވަނީ ރަޝިޔާއިން ދިން ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިންގެ އަސްކަރިއްޔާގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަކަށް ގެއްލުންވުމުން އެ ކަމުގެ ބަދަލުހިފުމުގެ ގޮތުން ކަމަށާއި ޔޫކްރެއިނުން ބޭނުން ވަނީ ރަޝިޔާގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ކަމަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ހަމަލާތައް އަމާޒުކޮށްފައި ވަނީ ގަސްދުގައި ކަމަށް ވިދާޅުވިއެވެ.
ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް މޮސްކޯއަށް ދީފައިވާ ޑްރޯން ހަމަލާތައް ސިފަކުރައްވާފައި ވަނީ އެއީ 2 ވަނަ ބޮޑު ހަނގުރާމައަށް ފަހު މޮސްކޯއަށް ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތަކުގެ ގޮތުގައެވެ.