އުތުރު ކޮރެއާ އިން އުފެއްދި ޖާސޫސީ ސެޓެލައިޓް ޖައްވަށް އުދުއްސައިލި ފަހުން ޓެކެނިކަލް މައްސަލަތަކަކާއި ގުޅިގެން އެ ރޮކެޓް ކަނޑަށް ވެއްޓިއްޖެ ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.
އުތުރު ކޮރެއާގެ ޖާސޫސީ ސެޓެލައިޓް ކަނޑަށް ވެއްޓި ސެޓެލައިޓް ގެއްލުނު ނަމަވެސް، ރޮކެޓްގެ އެތިކޮޅުތަކެއް ކަނޑުން ފެނިފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.
ޝެއޮލީމާ-1ގެ ނަން ދީފައިވާ ރޮކެޓް ވެއްޓުނީ ކޮރެއާގެ ހުޅަނގު ކަނޑުތެރެއަށް ކަމަށާއި އެ އަށް މައްސަލަތަކެއް ކުރިމަތިވީ ބިމުން ފެށިގެން ވަކި ހިސާބަކަށް އަރައި ރޮކެޓްގެ އެންމެ ތިރީ ބައި ވަކިކޮށްލުމަށް ފަހު 2 ވަނަ މަރުހަލާގެ އިންޖީނު ސްޓާޓް ކުރުމުގެ ތެރޭގައި ކަމަށް އުތުރު ކޮރެއާ އިން ހާމަކުރެއެވެ.
މިއީ އުތުރު ކޮރެއާ އިން ޖައްވަށް ސެޓެލައިޓް ފޮނުވަން އުޅުނު 6 ވަނަ ފަހަރު ނަމަވެސް މިއީ އެ ގައުމުން ޖައްވަށް ފޮނުވަން މަސައްކަތް ކުރި ފުރަތަމަ ޖާސޫސީ ސެޓެލައިޓެވެ.