”ޓްރިޕް އެޑްވައިޒާ“ އިން ދޭ ޓްރެވަލާސް ޗޮއިސް އެވޯޑްސް 2023ގައި ހޮވާ ދުނިޔޭގެ އެންމެ ފުރިހަމަ އާއު ހޮޓަލުގެ އެވޯޑު ރާއްޖޭގެ އޮބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓަށް ލިބިއްޖެއެވެ.
ޓްރެވެލާސް ޗޮއިސް އެވޯޑުގެ 21 ވަނަ އެޑިޝަނުގައި ”ރޫކީ އޮފް ދަ އިޔާ“ ގެ ދަރަޖަ އެ ރިސޯޓުން ހޯދާފައި ވަނީ މުޅި ދުނިޔެއިން 25 ހޮޓަލަކާ ވާދަކުރުމަށް ފަހުއެވެ.
ޓްރިޕް އެޑްވައިޒާ އިން ވަނީ މިދިޔަ އަހަރުން ފެށިގެން ނިމެންދެން ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަ ހޮޓަލުތަކަށް ފަތުރުވެރިން ދީފައިވާ ރިވިއުތައް އެނަލައިޒް ކުރި އެ ރިވިއުތަކުން އެންމެ ކުރީގައި އޮތީ އޮބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓެވެ.
މާލެ އަތޮޅުން ފަޅެއް ހިއްކައިގެން ތަރައްގީކޮށް މިދިޔަ އަހަރުގެ މާޗް މަހު ހުޅުވީ، އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ”ކަލާސް އޮފް އޮބްލޫ“ ބްރޭންޑްގެ ދަށުން ހިންގަމުން އަންނަ އޮބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓު ފަސްތަރީގެ ލަގްޒަރީ މި ރިސޯޓަކީ ލޯބިވެރިންނަށް ހާއްސަ ރިސޯޓެކެވެ.
68 ވިލާ ހުންނަ އިރު އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނެއެވެ. އަދި ދުނިޔޭގެ ހުރިހާ ކުޒީންއަށް ހާއްސަ ރެސްޓޯރެންޓަކާއި ޓޭކްއަވޭގެ ހިދުމަތް ލިބޭ 17 ފުޑް ޓްރަކް ވެސް އެ ރިސޯޓުގައި ހުރެއެވެ.
އޭގެ އިތުރުން ”އޮންލީ ބްލޫ“ގެ ނަމުގައި އެ ރިސޯޓުގައި ތަރައްގީކޮށްފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓަކީ މިވަގުތު ރާއްޖޭގައި ހުރި އެފަދަ އެންމެ ބޮޑު ރެސްޓޯރެންޓެވެ.
17 ފުޑް ޓްރަކް އެއްނޫން. ފުޑް ޓްރަކްގެ ނަމަކީ ގާޑިޔާ 17.