ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ފ.ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސް ޕްލާންޓް މިއަދު ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފެނަކައިން ކުރަމުންދަނީ ހަމައެކަނި ކަރަންޓް ދިނުމުގެ ޚިދުމަތެއް ނޫން ކަމަށާއި ކޮންމެ ރަށަކަށް ފައިބާއިރުގައި ވެސް ފެނަކައިގެ މުވައްޒަފުން ފެންނަ ކަމަށާއި އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކާ ކަމަށެވެ.
ނަމަވެސް ފެނަކައިން ކޮންމެ ރަށެއްގައި ކުރަމުން ގެންދަނީ ކަރަންޓްގެ ޚިދުމަތް ދިނުމާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާއި މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެ ގޮތް ހެދުން ފަދަ ރައްޔިތުން ބޭނުންވެފައިވާ އެތައް އެތައް ކަންތައްތަކެއްގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ ފެނަކައާ ހަވާލުކޮށްގެން އަޅުގަނޑުމެން ކުރަމުންގެންދާ މަދު މަސައްކަތްތަކެއް. މީގެ ނަތީޖާ ރަނގަޅު. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ދަތިނުވެ ކުރިއަށް މިއޮތް ތަނުގައި ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތާއި ރައްޔިތުންނަށް މި ބޭނުންވާ ޚާއްސަކޮށް މަސްވެރިންނަށް މި ބޭނުންވާ އައިސް ލިބުމުގެ ދަތިކަމެއްނެތި ފެނަކައިން އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ގެންދާނެ.“
ފެނަކައިގެ މަސައްކަތުގެ ވާހަކަ ދައްކާއިރު އަރާ ކޮންމެ ރަށެއްގައި ވެސް ކޮންމެވެސް މަޝްރޫއުއެއް ނިމި ހުޅުވަން އެބަޖެހޭ ކަމަށާއި އަދި ކުރިއަށް މިއޮތް ތަނުގައިވެސް އެކަން އޮތީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
”މިހާތަނަށް 68 އާ އޮފީސް ނިންމައިފި. 48 އިންޖީނުގެ ހުޅުވައިފި. އަޅުގަނޑަށް އޮތީ އޭގެ ރިބަން ކަނޑަން ސަޢީދު އިންވައިޓް ކޮށްފައި. އޭގެއިތުރުން ކުރިއަށް މިއޮތް ދެތިން މަސްދުވަހުގެ ތެރޭގައި ވޯޓުލުމުގެ ކުރިން އިތުރު 28 އިންޖީނުގެ 28 ރަށެއްގައި ހުޅުވި ޚިދުމަތް ދޭން ފަށާނެ.“
ރައީސް ވަނީ ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސް ޕްލާންޓް މަސައްކަތް ވަރަށް ފުރިހަމައަށް ކޮށް ނިންމައިލިކަން ފާހަގަކުރައްވައި ފެނަކައިގެ އެމްޑީ އަޙްމަދު ސަޢީދަށާއި ފެނަކައިގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.