އަންދްރޭ ޕިރްލޯ ކޯޗުކޮށްދެމުން އައި ތުރުކީގެ ސުޕަ ލީގު ކްލަބް ފެޓީހް ކަރަގުމްރުކްގެ ނަތީޖާތައް ދަށްވުމުން އޭނާ މަގާމުން ވަކިކޮށްފިއެވެ.
ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމުން ވަކިކުރީ އެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ 2 ވަނަ ބުރުން ކެޓުމާއި ލީގުގެ 4 ވަނައަށް ޔުވެންޓަސް ވެއްޓުމުންނެވެ.
1 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޕިރްލޯ ތުރުކީގެ ކްލަބަށް ބަދަލުވީ މިދިޔަ އޮގަސްޓް މަހުއެވެ. އެ ޓީމުގެ ނަތީޖާތައް ދަށްވުމުން 2021 ވަނަ އަހަރު މަގާމުން ވަކިކުރިއެވެ.
ޕިރްލޯ މަގާމުން ވަކިކުރި އިރު ލީގުގައި ބާކީ އޮތީ 3 މެޗެވެ. 19 ޓީމު ވާދަކުރާ ލީގުގައި ކަރަގުމްރުކް އޮތީ 9 ވަނައިގައެވެ. އެންމެ ފަހުން ލީގުގައި ކުޅުނު 5 މެޗުގެ ތެރެއިން އެޓީމު މޮޅުވީ 1 މެޗުންނެވެ. 3 މެޗުން ބަލިވި އިރު 1 މެޗު ވަނީ އެއްވަރުވެފައެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ޔުވެންޓަސްގެ ކޯޗުކަމާ ޕިރްލޯ ހަވާލުވީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އެ ފަހަރު ޔުވެންޓަސްއަށް އިޓާލިއަން ކަޕް ޕިރްލޯ ކާމިޔާބު ކޮށްދިނެވެ.
ކޯޗިންގައި ޕިރްލޯއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އިރު ކުޅުންތެރިއެއްގެ ގޮތުގައި ޕިިރްލޯ އަކީ މި ޖީލުދުށް އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޕިރްލޯ ވަނީ އޭސީ މިލާން އާއި ޔުވެންޓަސްއަށް ކުޅެ 2 ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 6 ފަހަރު އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ.
2006 ވަނަ އަހަރު އިޓަލީއާއެކު ޕިރްލޯ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއެވެ.