ފ.މަގޫދޫގެ ފެނާއި ނަރުދަމާގެ ނެޓްވޯކް އިފްތިތާހުކޮށް, ފެނަކަ ކޯޕަރޭޝަންގެ އިދާރީ އިމާރާތް ހުޅުވައިފިއެވެ.
ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަގޫދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަގޫދޫގެ ފެނާއި ނަރުދަމާގެ ނެޓްވޯކް އިފްތިތާހުކޮށްދެއްވައި ފެނަކަ ކޯޕަރޭޝަންގެ އިދާރީ އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަގޫދޫގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ގާއިމުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. ސަރުކާރުން އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ 31.4 މިލިއަން ރުފިޔާއަށެވެ.
އަލްޓެކްއިން މި މަޝްރޫއު ހިންގި ނަމަވެސް ނަރުދަމާގެ ނިޒާމު ބަލަހައްޓަން ހަވާލުކޮށްފައިވަނީ ފެނަކައާއެވެ.