ނ.މަނަދޫ ނަޢީމާ މޫސާ މަރައިލުމަށް ބޭނުންކުރިކަމަށް ބެލެވޭ ހަތިޔާރާއި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު, ފުލުހުން އެ ރަށުން ހޯދައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ނަޢީމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކުރައްވައިފައެވެ.
މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލައި ފާސްކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
އޭގެފަހުން ޙަމީދު ވިދާޅުވީ ނަޢީމާ މަރައިލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު, ވަޅުގަނޑެއްގެ ތެރޭގައި ހުއްޓާ ފުލުހުން ހޯދާފައިވާ ކަމަށެވެ.
އެ އެއްޗެހި ވަޅުލި ތަނުގައި އަލިފާން ރޯކޮށްފައި ހުރުމުން އެ އެއްޗެހި ވެސް ހުރީ އަނދައިފައެވެ.
މަނަދޫ އަންނާރުމާގޭ ނަޢީމާ މޫސާ (62 އ) މަރާލައިފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 07 ވަނަ ދުވަހުގެރޭ އިރާކޮޅުގައެވެ. ނަޢީމާ މަރާލައިފައި އޮތީ އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައެވެ.