ނ.މަނަދޫ ގެއެއްގެ ތެރޭގައި މަރާލައިފައި އޮއްވައި ފެނުނު އެ ރަށު ނަޢީމާ މޫސާގެ މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ޙަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޢީމާ މަރައިލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށް ޙަމީދު ވިދާޅުވިއެވެ.
ޙަމީދު ވިދާޅުވި ގޮތުގައި މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން މިހާރު ދަނީ ބަލައި ފާސްކުރަމުންނެވެ.
“މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުރިބާކާރު އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ.އަތޮޅުގެ ފުލުހުން މި މަރުގެ ހަގީގަތް ހޯދައި އިންސާފު ގާއިމުކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަހުރުވެރިކަމާއެކު ފާހަގަކުރަން.“
މަނަދޫ އަންނާރުމާގޭ ނަޢީމާ މޫސާ (62 އ) މަރާލައިފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 07 ވަނަ ދުވަހުގެރޭ އިރާކޮޅުގައެވެ. ނަޢީމާ މަރާލައިފައި އޮތީ އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައެވެ.
ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނަޢީމާ ހަށިގަނޑު ވަޅުލީ ޖެހިގެން އައި ދުވަހުއެވެ.
ޕޯސްޓްމޯޓަމް ނުހަދައި ވަޅުލީ ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުންނެވެ.
މި މައްސަލައިގައި މީގެކުރިން ވަނީ އޭނާ ދިރިއުޅުނު ގޭގެ އިތުރުން އެ ރަށުގެ ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އޭގެތެރޭގައި ބިދޭސީން ދިރިއުޅޭ ގެއަކާއި ފަޅު ގެއެއް ވެސް ހިމެނެއެވެ.
Mi mauloomaathu sahha eh noon. Thedhu mauloomaathu neygi nuliyun maaragalhennu.