ދުނިޔޭގެ މަޝްހޫރު އޮންލައިން ކުންފުނި އެމެޒޯންގެ ބާނީ ޖެފް ބެޒޯސް އަނެއްކާ ވެސް ފިރިއަކަށް ވަނީއެވެ.
ކައިވެންޏާ ނުލައި ލޯބީގެ ހަޔާތެއް އެކުގައި 5 އަހަރު ވާނދެން ހޭދަކުރުމަށް ފަހު ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ ޖެފް ބެޒޯސް ކައިވެނި ކުރަން ނިންމާފައި ވަނީ އޭނާގެ ލޯބިވެރިޔާ ލޯރެން ވެންޑީ ސަންޗޭޒާއެވެ.
އުމުރުން 59 އަހަރުގެ ޖެފް ބެޒޯސް ކައިވެނިކުރަން ނިންމީ އޭނާގެ ލޯބިވެރިޔާ، އެމެރިކާގެ ނޫސްވެރިޔާ އަދި ޕްރޮގްރާމްތައް ހުށަހަޅައިދޭ ލޯރެން ވެންޑީ ސަންޗޭޒްއާ އެވެ.

ޖެފް ބެޒޯސްގެ 50 މިލިއަން ޑޮލަރުގެ އަގު ބޮޑު ޔޮޓުގައި އެ ދެމީހުން ފްރާންސްގައި ދާދިފަހުން ޗުއްޓީ ހޭދަކުރަމުން ދިޔަކަން ފެނުނު ފޮޓޯތަކުން ވަނީ އެނގިފައެވެ.
މީގެ އިތުރުން ޖެފް ބެޒޯސް އާއި ލޯރެން ސަންޗޭޒް ވެސް ކާންސް ފިލްމް ފެސްޓިވަލްގައި ފިލްމު ”ކަލަރސް އޮފް ދަ ފްލާވަރ މޫން“ ދައްކަން ފެށި ހަފުލާގައި ބައިވެރިތަން ގިނަބަޔަކަށް ވަނީ ފެނިފައެވެ.
އެމެޒޯންގެ ބާނީ އާއި އެމެރިކާގެ ނޫސްވެރިޔާގެ ގުޅުން ކަށަވަރުކޮށްދީފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ބެޒޯސް އޭނާގެ އަންހެނުން މެކެންޒީ ސްކޮޓް ވަރިކުރިފަހުންނެވެ.
ބެޒޯސް އާއި ލޯރެން: ދެމީހުން ވެސް ތިބީ ކައިވެންޏަށް ތައްޔާރުވެގެން
ބެޒޯސް އާއި މެކެންޒީގެ 26 އަހަރުވީ ކައިވެންޏަށް 4 ކުދިން ލިބިފައިވެއެވެ.
ލޯރެން ސަންޗޭޒްއާއި ފިރިމީހާ ޕެޓްރިކް ވިޓްސެލްގެ ކައިވެނި މީގެ 4 އަހަރު ކުރިން ރޫޅުނު އިރު، އެދެމީހުންގެ 13 އަހަރުގެ ކައިވެންޏަށް 3 ކުދިން ލިބިފައިވެ އެވެ.
ބެޒޯސްއާއި ލޯރެންގެ ކައިވެނީގެ ތާރީޚެއް އަދި ނޭނގެއެވެ.