ހދ. މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ރޭ ގާތްގަނޑަކަށް 8 ޖަހާ ކަންހާ އިރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށު ”އަލްފާ“ ނަމަކަށް ކިޔާ ގެއެއްގައެވެ.
މި ގޭގެ އެއްބަޔަކީ ފިހާރައެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބައެކެވެ.
މި ހާދިސާ ހިނގުމާއެކު އެގޭގައި އެވަގުތު ދިރިއުޅެމުންދިޔަ 4 މީހުން ރައްކާތެރިކަމާއެކު ގެއިން ނެރެ ތަން ހުސްކޮށް އެމީހުންގެ އާއިލާ މެންބަރެއްގެ ގެއަށް ބަދަލުކޮށްފައިވާ ކަމަށާއި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.
އެގޭގައި ރޯވި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭ ކޮންޓްރޯލްކޮށް ނިއްވާލާފައިވާ އިރު ފިހާރައިގެ ގޮތުގައި ބޭނުންކުރި ބަޔާއި އެ ގޭގެ ފުރާޅު އެއްކޮށް ވެއްޓި، އިމާރާތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މި ޙާދިސާ ހިންގަން މެދުވެރިވި ސަބަބު ނޭގުން ނަމަވެސް އިމާރާތަށް ލިބުނު ގެއްލުންތައް އަންނަނީ ބަލަމުންނެވެ.
ރޭ މަކުނުދޫ އަލްފާ ގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގައި އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދީފައި އެ ރަށު ރައްޔިތުންނެވެ.