ކުކުޅު ކުރަނޑިއަކީ ހަނާކޮށްގެންނާއި ރިހަ ކައްކާއިހެން ކެއުމަށް ވަރަށް މީރު އެއްޗެކެވެ. މީގެ އިތުރުން ކުކުޅު ކުރަނޑި ފިހެގެން ވެސް ކައި އުޅެއެވެ.
މެންދުރުގެ ސުފުރާގައި ބަތާއެކު ކެއުމަށް ކުކުޅު ކުރަނޑި ރިހަ ކައްކާނެ ރެސިޕީއެއް މިހާ ހިސާބުން ހިއްސާކޮށް ލާނަމެވެ.
ބޭނުންވާ ތަކެތި:
4 ޖޯޑު ފެން
1 ކަރަންފޫ
2 ބޮޑު ފިޔާ
2 ކާފޫރުތޮޅި
2 ބޮޑު ޓޮމާޓޯ
¼ ޖޯޑު ބޯކިރު
20 ހިކަނދިފަތް
1 އިންޗީގެ ފޮނިތޮށި
1 ކިލޯ ކުކުޅު ކުރަނޑި
2 މޭޒުމަތީ ސަމުސާ ތެޔޮ
1 ސައިސަމުސާ ގޭނީ ލޮނުމެދު
1 ސައިސަމުސާ ގޭނި އިނގުރު
3 މޭޒުމަތީ ސަމުސާ ލޮނުމިރުސް ހަވާދު
¼ ގިތެޔޮމިރުސް (ނޫނީ ބޭނުން ވަރަކަށް)
2 ސައިސަމުސާ ހެލެނބެލި ހުތް (އޮށް ނުލާ)
2 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
½ ޖޯޑު ކެކިކެކި ހުރި ފެން (ހެލެނބެލިހުތު ފެން ހަދަން)
ހަދާނެ ގޮތް:
ފިޔާ ތުނިކޮށް ކޮށާށެވެ. އިނގުރާއި ލޮނުމެދު ގާނާށެވެ. ޓޮމާޓޯތައް މެދުން ފަޅާލާ އޮށްކޮޅު ނަގާފައި 1 ސެންޓިމީޓަރުގެ އެތިކޮޅުތަކަކަށް ކޮށާލާށެވެ. ކުރަނޑިކޮޅު ދޮވެލާފައި މާބޮޑެތިކޮށް ހުރި އެތިކޮޅުތައް ދެފަޅިއަށް ކަފާލާށެވެ.
ތައްޔާރު ކުރާނެގޮތް:
ތެޔޮކޮޅު ތެއްޔަކަށް އަޅާފައި ހޫނު ކުރާށެވެ. ރަނގަޅަށް ހޫނުވީމައި އޭގެ ތެރެއަށް ފިޔާ، ހިކަނދިފަތް، ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ، ގިތެޔޮމިރުސް އަޅާފައި ފިޔާކޮޅު މަޑުވަންދެން ކައްކާށެވެ. ދެން އިނގުރާއި ލޮނުމެދު އަޅާފައި މިނިޓެއް ހާއިރު ކައްކާލާށެވެ.
ދެން ޓޮމާޓޯކޮޅު ތެއްޔަށް އަޅާ ރަނގަޅަށް އެއްކޮށްލާފައި ތެލީގެ މަތި ޖަހައިގެން 5 ވަރަކަށް މިނިޓު މެދު ގިނީގައި ކައްކާލާށެވެ.
އެއަށް ފަހު ތެއްޔަށް ހަވާދު ކޮޅު އަޅާ އެއްކޮށްލާފައި މިނިޓެއް ހާ އިރު ކައްކާލާށެވެ. ކެކުމުން ކުރަނޑިކޮޅު ތެއްޔަށް އަޅާ އެއްކޮށްލާށެވެ.
ފެނާއި ލޮނުވެސް ތެއްޔަށް އަޅާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލާފައި ތެލީގެ މަތި ޖަހާއި ބޮކިޖަހާ ކެކި ގަންނަންދެން ތެލީގައި ހުރި ސާމާނު ހޫނު ކުރާށެވެ. މެދު ގިނީގައި ބަހައްޓައިގެން 20 މިނިޓު ކައްކާށެވެ.
ތެލީގައި ހުރި ސާމާނު ކެކެމުން ދާ އިރު ހެލެނބެލި ހުތާއި ކެކިކެކި ހުރި ފެން ބޯތަށްޓެއްގައި އެއްކޮށްލައި ހެލެބެލި ހުތު ފެން ހަދާފައި ބޭނުން ކުރަން ޖެހެންދެން އެހަށް ބަހައްޓާށެވެ.
ތެލީގައި ހުރި ސާމާނު ކެކޭތާ 20 މިނިޓު ހަމަވުމުން ހެލެނބެލި ހުތު ފެނުން 5 މޭޒުމަތީ ސަމުސާ ނަގާ ތެއްޔަށް އަޅާ އެއްކޮށްލާށެވެ. ތެލީގެ މަތިގަނޑުން ތެލި ދެބައިކުޅަ އެއްބައި ނިވާވާނެ ގޮތަށް ބަހައްޓައިގެން 30 މިނިޓު މެދު ގިނީގައި ކައްކާށެވެ. ކެކެމުން ދާ އިރު ދޭތެރެއަކުން ހަލުވާލަންވާނެއެވެ.
މަތި އެއްކޮށް ނަގާފައި ބަހައްޓައިގެން އިތުރު 15 މިނިޓު ނޫނީ ކުރަނޑިތައް އެއްކޮށް މަޑުވަންދެން ކައްކާށެވެ. އެހާ އިރު ވާ އިރު ރިހަގަނޑު ހުންނާނީ ނިކަން އޮލަ ވެފައެވެ.
ދެން ބޯކިރު ތެއްޔަށް އަޅާ އެއްކޮށްލާފައި އަދި އިތުރު މިނިޓެއްވަރު ކައްކާލާށެވެ. މުޅިން ނިންމާލުމުގެ ކުރިން ރަހަ ބަލާލާފައި ބޭނުން ގޮތަކަށް ރަހަ ހެޔޮވަރު ކޮށްލަން ވާނެއެވެ.
ނޯޓއ: މި ރެސިޕީގައި ތަކެތި ނަގާފައި އެވަނީ 4 މީހުންނަށް ވާވަރަށެވެ. ކުޅި މަޑު ކުރަން ބޭނުން ނަމަ ހަވާދާއި މިރުސް އަޅާލެއް މަދު ކޮށްލާށެވެ.