ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ ރާއްޖޭގެ ފިލްމުތަކަށް ބޭރުގައި ބާއްވާ ފިލްމު ފެސްޓިވަލެއްގައި ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ޖޯޑަންގައި ބާއްވާ ”ސެކަންޑް އެޑިޝަން އޮފް ދަ ޗިލްޑްރެން ފިލްމު ފެސްޓިވަލް“ ކަމަށާއި މި ފެސްޓިލްގައި އުމުރުން 6-16 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން އުފައްދާ ފިލްމުތަކަށް ހާއްސަ ފެސްޓިވަލެއް ކަމަށް ނެޝަނަލް ސެންޓަ ފޯ ދި އާޓްސް އިން ހާމަކުރެއެވެ.
މި ފެސްޓިވަލް އިންތިޒާމުކުރާ ޖޭސީއެފްއެފް އިން ބުނީ ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި މެއިލް މެދުވެރިކޮށް ފިލްމުތައް ސަބްމިޓްކުރެވޭނެ ކަމަށެއެވެ.
ފެސްޓިވަލަށް ހުށަހަޅާ ފިލްމުތަކަކީ 2021 ގެ ކުރިން ރިލީޒްކޮށްފައި ނުވާ އަދި އެއްވެސް ޓީވީ ޗެނެލަކުން ނުވަތަ އެހެން ވެސް އޮންލައިން ޕްލެޓްފޯމެއްގައި އާންމުކޮށްފައިވާ ފިލްމަކަށްވެގެން ނުވާނެއެވެ.
މީގެ އިތުރުން ފިލްމުގައި ދައްކާ އެއްވެސް ހާދިސާ އަކީ ކަނޑައަޅާފައިވާ އުމުރުފުރާއާ ނުގުޅޭ ފަދަ މަންޒަރުތައް ހިމެނިގެން ެސް ނުވާނެ ކަމަށެވެ.
އަރަބި ބަހުން ޑަބްކޮށްފައި ނުވަތަ ސަބް-ޓައިޓްކޮށްފައި ނުވަތަ އޭގައި ދެކެވޭ ވާހަކައިގެ ތަރުޖަމާ ހުށަހަޅަން ޖެހޭ އިރު ފިލްމު ހުށަހަޅާ ފަރާތަކީ އޭގެ ހުރިހާ ރައިޓްސްއެއް އޮންނަ މީހަކަށް ވާން ޖެހެއެވެ.
ފެސްޓިވަލަށް ހުށަހަޅާ ފިލްމުތަކަކީ ފެސްޓިވަލްގައި ވާދަކުރެވޭ ވަރުގެ ފިލްމެއްތޯ ނިންމާނީ އެކަމަށް ހާއްސަ ސިލެކްޝަން ކޮމިޓީއަކުންނެވެ.
ފީޗާ ފިލްމާއި ޝޯޓް އަދި އެނިމޭޓެޑް ފިލްމުތައް ވެސް މި ފެސްޓިވަލަށް ހުށަހެޅޭނެއެވެ.