ތައިލެންޑުގެ އުތުރުގައި އޮންނަ ޕިޗިތް ޕްރޮވިންސުގައި ހުންނަ ސްކޫލެއްގެ ކުޅިވަރުކުޅޭ ދަނޑުގެ ފުރާޅު ވެއްޓި 4 ދަރިވަރުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ އެ ތަނުގައި ކުޅިވަރުގެ މުބާރާތެއް ކުރިއަށްދިޔަ ވަގުތު މުބާރާތް ބެލުމަށް ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ކުޅިބަލާ މީހުން ތިބި ވަގުތެވެ.
ދަނޑުގެ ފުރާޅު ވެއްޓިފައި ވަނީ ތޫފާނާ އެކު ބޯކޮށް ވާރޭވެހި، ވައި ގަދަވުމާ ގުޅިގެންނެވެ.
4 ކުޑަކުދިންގެ އިތުރުން 2 ބެލެނިވެރިންނާއި ސްކޫލްގެ މުވައްޒަފެއް މަރުވެފައިވާ އިރު މި ހާދިސާގައި އިތުރު 18 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
މަރުވި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 6 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާގެ ދަރިވަރުންނެވެ.
6 އަހަރުގެ ކުއްޖާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.