ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ނިންމި ނިންމުން އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިހެން ބުނެފައިވަނީ އެ އޮފީހުން މިއަދު އާންމުކުރި ރާއްޖެއާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑިލިމިޓްކުރުމުގެ މައްސަލައާގުޅޭ މައުލޫމާތު ކަރުދާހުގައެވެ.
ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލަ އިޓްލޮސްއިން ނިންމީ މިދިޔަ މަހުގެ 28 ގައެވެ. އެ ނިންމުމުގައި ކަނޑައެޅީ ރާއްޖެއަށް 47232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަ ކިލޯމީޓަރު ލިބިގެންވާ ކަމަށެވެ.
އެ ކަރުދާހުގައި ބުނެފައިވަނީ އަންކްލޮސް މުއާހަދާގެ އާޓިކަލް 296 އަށް ބަލާއިރު އެ މުއާހަދާގެ ދަށުން އިހުތިސާސް ލިިބފައިވާ ކޯޓަކުން ނުވަތަ ޓްރައިިބއުނަލަކުން ނިންމާ ނިންމުމަކީ މައްސަލައިގައި ހިމެނޭ ގައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމް ނިހާއި ނިންމުންތަކެއް ކަމަށެވެ.
“އިޓްލޮސްއަކީ އަންކްލޮސް މުއާހަދާގެ ދަށުން އުފައްދާފައިވާ ޓްރައިިބއުނަލަކަށްވާއިރު އިޓްލޮސްގެ ނިންމުން އިތުރަށް ްއިސްތިއުނާފެއް ނުކުރެވޭނެ. އެ ނިންމުމަށް ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމު.“
އިޓްލޮސްގެ ނިންމުމަކީ މައްސަލައިގައި ޝާމިލްވާ ގައުމުތަކުން އަމަލުކުރަންޖެހޭ ނިހާއީ ނިންމުމެއްކަމަށް ވެސް ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ. އަދި އިޓްލޮސްގެ ހުކުމްކުރާ ދުވަހުން ފެށިގެން މައްސަލައިގައި ހިމެނޭ ގައުމުތަކުގެ މައްޗަށް އެ ހުކުމަށް ްއަމަލުކުރުން ލާޒިމް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
“އިޓްލޮސްގެ ރޫލްސްގެ 126 އަކީ އިޓްލޮސްއިން ކޮށްފައިވާ ާހުކުމް މާނަކުރަންޖެހިއްޖެނަމަ, މާނަކުރުމަށް ހުށަހަޅާނެ އިޖުރާއަތު ބަޔާންކުރާ މާއްދާ. އެއީ އިސްތިއުނާފީ މަރުހަލާއެއްނޫން. މޮރިޝަސްއާއި ރާއްޖެއާ ދެމެދު އިޓްލޮސްގައި ކުރިއަށްދިޔަ މައްސަލައިގައި އިޓްލޮސްއިން ކުރި ހުކުމް ސާފުނުވުމުގެ މައްސަލައެއް ނޫޅޭއިރު, ހުކުމް މާނަކުރަން ހުށަހަޅަންޖެހޭ ސަަބަބެއް ނެތް.“
ކަރުދާހުގައި އިތުރަށް ބުނެފައިވަނީ އިޓްލޮސްގެ ރޫލްސް 127 އަކީ އިޓްލޮސްއިން ކޮށްފައިވާ ހުކުމް މުރާޖައާކުރަން ހުށަހަޅަންޖެހޭ އިޖުރާއަތު ބަޔާންކުރާ މާއްދާ ކަމަށާއު އެ އާޓިކަލްއަށް ބަލާއިރު މުރާޖައާކުރަން ހުށަހެޅޭނީ މައްސަލައިގެ ހުކުމްގައި އެ ފެކްޓެއްގެ މައްޗަށް ބުރަދަން ދޭންޖެހޭ މުހިއްމު ފެކްޓެއް ހުކުމް ކުރާ ފަހުން މުޅިން އަލަށް ޑިސްކަވަރވެއްޖެނަމަ ކަމަށެވެ. އަދި މި ފެކްޓަކީ ހުކުމް މުރާޖައާކުރަން ހުށަހަޅާ ގައުމަށާއި ޓްރައިިބިއުނަލަށް ވެސް ހުކުމްކުރިއިރު އެނގިފައިނުވާ ފެކްޓަކަށްވާންޖެހޭނެކަމަށް އިޓްލޮސްގެ ރޫލްސް ބަޔާންކުރާ ކަމަށެވެ. އަދި މިފަދައިން މުރާޖައާކުރަން ހުށަހެޅުމުގެ ފުރުސަތު ލިބެނީ އާ ހަގީގަތް އެނގޭތާ 6 މަސްދުވަހުގެ ތެރޭގައި އަދި ހުކުމް ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި އެއީ އިސްތިއުނާފީ މަރުހަލާއެއްނޫން ކަމަށެވެ.