ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ނިންމި ނިންމާމެދު ހިތްހަމަނުޖެހޭތީ, އެ އިސްތިއުނާފު ކުރަން ސަރުކާރަށް ދަންނަވަން ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
ޖޭޕީ ކައުންސިލުން މިގޮތަށް ފާސްކުރީ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.
އިޓްލޮސްގެ ހުކުމް އިސްތިއުނާފު ކުރަން ސަރުކާރަށް ދެންނެވުމަށާއި ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކުރައްވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހާމަކުރަން ޕާޓީން ބާރުއެޅުމަށް ގަރާރުގައިވެއެވެ.
މީގެއިތުރުން ރިޔާސީ އިންތިޚާބު ޖޭޕީއަށް ކާމިޔާބުވެއްޖެނަމަ އެ މައްސަލަ އިސްތިއުނާފު ކުރަން ވެސް ގަރާރުގައި ހިމަނުއްވާފައިވެއެވެ.
މި ގަރާރު ފާސްވީ ކައުންސިލު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.
ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލަ އިޓްލޮސްއިން ނިންމީ މިދިޔަ މަހުގެ 28 ގައެވެ. އެ ނިންމުމުގައި ކަނޑައެޅީ ރާއްޖެއަށް 47232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަ ކިލޯމީޓަރު ލިބިގެންވާ ކަމަށެވެ. ޖޭޕީން ވެސް އަދި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރަނީ މި ނިންމުމާ ގުޅިގެން ރާއްޖެއިން ބައެއް ގެއްލިއްޖެ ކަމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކުރި ރާއްޖެއާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑިލިމިޓްކުރުމުގެ މައްސަލައާގުޅޭ މައުލޫމާތު ކަރުދާހުގައި ބުނެފައިވަނީ އަންކްލޮސް މުއާހަދާގެ އާޓިކަލް 296 އަށް ބަލާއިރު އެ މުއާހަދާގެ ދަށުން އިހުތިސާސް ލިިބފައިވާ ކޯޓަކުން ނުވަތަ ޓްރައިިބިއުނަލަކުން ނިންމާ ނިންމުމަކީ މައްސަލައިގައި ހިމެނޭ ގައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމް ނިހާއި ނިންމުންތަކެއް ކަމަށެވެ. އަދި އިޓްލޮސްއަކީ އަންކްލޮސް މުއާހަދާގެ ދަށުން އުފައްދާފައިވާ ޓްރައިިބއުނަލަކަށްވާއިރު އިޓްލޮސްގެ ނިންމުން އިތުރަށް އިސްތިއުނާފެއް ނުކުރެވޭނެ ކަމަށާއި އެ ނިންމުމަށް ރާއްޖެއިން އަމަލުކުރުން ލާޒިމު ކަމަށެވެ.