ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ތިން އަހަރަށް ބަހާލައިގެން ދައްކަން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އެއްބަސްވެވަޑައިގެންފިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ސާބިތުވުމުން އެ މައްސަލާގައި އަދީބުއާއެކު ދައުލަތުން ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމަކާއި 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
އޭގެތެރެއިން އަދީބު މިހާތަނަށް ދައްކާފައިވަނީ 1 މިލިއަން ރުފިޔާއެވެ.
އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން އަދީބާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރުމުން އޭނާގެ ފަރާތުން ފުރަތަމަ ކޯޓަށް ހުށަހެޅުއްވީ އެޑްވާންސްކޮށް 100,000 ރ. ދައްކައި އޭގެފަހުން ކޮންމެ މަހަކު ވެސް 20,000 ރ. ދައްކައި ޚަލާސްކުރާ ގޮތަށެވެ.
ނަމަވެސް ދައުލަތުން ހުށަހެޅީ އެއްފަހަރާ 200,000 ރ. ދެއްކުމަށްފަހު ބާކީ ބައި މަހުން މަހަށް ބަހާލައިގެން ތިން އަހަރުގެ ތެރޭގައި ދެއްކުމަށެވެ.
އިއްޔެ ބޭއްވި އަޑުއެހުމުގައި އަދީބު ވަނީ އެ ހުށަހެޅުން ގަބޫލުކުރައްވައިފައެވެ.
އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރައްވަނީ ގޭބަންދުގައި ހުންނަވައިގެންނެވެ.