އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި ފިރިހެނެއްގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއަކީ މައުޟޫއީ ގޮތުން ބެލޭނެ ދައުވާއެއް ނޫންކަމަށް ދެކުނުގެ ރަށެއްގެ ކޯޓަކުން ކަނޑައަޅައިފިއެވެ.
ފިރިހެންމީހާގެ މައްޗަށް ދައުވާ އުފުލީ 2021 ވަނަ އަހަރުގެ ދުވަހެއްގެ ރޭގަނޑުގެ ވަގުތެއްގައި އޭނާގެ ދޮންދަރިއަކަށް ޖިންސީ ގޯނާކޮށް، ހަމަ އެ އަހަރު އެކިފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.
އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން އެނގުނީ މަންމައާއެކު ގޮސް ޑޮކްޓަރަށް ދެއްކުމުންނެވެ. އެ ކުއްޖާވަނީ ދޮންބައްޕަ ހެދި ގޮތްތައް އިޝާރާތުން ޑޮކްޓަރަށް ކިޔައިދީފައެވެ.
ޑޮކްޓަރަށް ދެއްކުމަށްފަހު ކުއްޖާގެ މަންމަ، ފިރިހެން މީހާ ގާތުގައި އެ ވާހަކަ ދެއްކުމުން، ފިރިހެން މީހާ އެކަން ދިމާވި ގޮތް ކިޔައިދީފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ކުއްޖާގެ މަންމަ ގާތުގައި ފިރިހެންމީހާ ބުނެފައިވާކަމަށް ވަނީ އެއްރޭ ފަތިހު ނިދާފައި އޮތްއިރު ކުއްޖާ އޭނާ ކައިރީގައި އޮށޯވެގެން އޮތް ކަމަށާއި ނިދީގައި އޮވެ ފުރޮޅިލިއިރުގައި ކުއްޖާގެ ގައިގައި ބެއްދުނު ކަމަށާއި އެއަށްފަހު ހެދުނު އެއްޗެއް ހެދުނީ ކަމަށާއި ނަމަވެސް އެކަން އެހެންވީ ކުއްޖާގެ މަންމަކަމަށް ހީކޮށްގެން ކަމަށެވެ.
ނަމަވެސް ފިރިހެންމީހާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
އިއްޔެ އާންމުކުރި މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނ ކުށުގެ ދައުވާގެ މައްސަލަ ޝަރީއަތުން ބެލިއިރު، މި މައްސަލައަކީ ގާނޫނުގައި ބުނާ ތަހުގީގުކުރުމުގެ މުއްދަތު ހަމަވިފަހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ބަލައިގަނެ ދައުވާކޮށްފައިވާ މައްސަލައެއްކަމަށްވާތީ މި ދައުވާއަކީ މައުޟޫއީ ގޮތުން ބެލޭނެ ދައުވާއެއް ނޫންކަމަށް ކަނޑައަޅައި ދައުވާ ފޯމު ބާތިލުކޮށް، ދައުވާ ލިބޭ ފަރާތަކީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ފަރާތެެއް ކަމަށްވާތީ ވަގުތުން އޭނާ މިނިވަން ކުރުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށް ގަޟިއްޔާ ނިންމާ ކަމަށެވެ. އެ ކޯޓުން މި މައްސަލަ ނިންމީ މިދިޔަ މަހުގެ 2 ގައެވެ.
ދޫކޮއްލާގެން ނުވާނެ!!