ޖީ20 ގެ ބައްދަލުވުން ބޮއިކޮޓްކޮށް، ހިފާފައިވާ ކަޝްމީރުގެ ރައްޔިތުން އެކިސަރަހައްދުތަކުގައި ވަރުގަދައަށް ހަޅުތާލު ކުރަމުން އެބަ ދެއެވެ.
ހަޅުތާލު ކުރިއަށް ގެންދަނީ އޯލް ޕާޓީސް ޙުއްރިޔަތު ކޮންފަރެންސުން އިސްނަގައިގެން ކުރަމުން ދާ މަސައްކަތާ ގުޅިގެންނެވެ.
ޖީ20 ގެ ފަތުރުވެރިކަމާ ގުޅޭ 3 ދުވަހުގެ ބޮޑު ބައްދަލުވުމެއް ކަޝްމީރުގައި ކުރިއަށް ގެންދާއިރު އެ ބައްދަލުވުމާ ދެކޮޅަށް ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުން ދިއުމުގެ ސަބަބުން ބައްދަލުވުމަށް ވަނީ ހިޔަނި އެޅިފައެވެ.

އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިވާ ކަޝްމީރުގައި ޖީ20ގެ ބައްދަލުވުމެއް ބޭއްވުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލަމުން ގެންދަނީ ޕާކިސްތާނުންނެވެ. ޕާކިސްތާނުން ދެއްކި ވާހަކަތައް ގަބޫލުކޮށް ތުރުކީއާއި ސައުދީ އަރަބިޔާއާއި ޗައިނާއިން ބައްދަލުވުމުގައި ބައިވެރިއެއް ނުވެއެވެ. އަދި މެހުމާނެއްގެ ގޮތުގައި ބައިވެރިވާން ހަމަޖެހިފައި އޮތް މިސްރުން ވެސް ބައްދަލުވުމަށް މަންދޫބުން ނުފޮނުވައެވެ.
ޖީ20ގެ ބައްދަލުވުމާ ދެކޮޅަށް ވާހަކަދައްކަވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ވިދާޅުވީ ކަޝްމީރުގެ ރައްޔިތުން އެމީހުންގެ ފަތުރުވެރިކަމުގެ މޭވާ ގެންދަންވީ ނިއުދިއްލީއަށްތޯ ނުވަތަ ސްރީނަގަރަށްތޯ ކަނޑައަޅަން ޖެހޭ ކަމަށެވެ.
އަދި ޖީ-20ގެ ބައްދަލުވުން އިންޑިއާއިން ކަޝްމީރުގައި ބާއްވަނީ ގަވައިދާ ޚިލާފަށް ކަމަށް ވެސް ބިލާވަލް ވިދާޅުވިއެވެ.
ހިފާފައިވާ ކަޝްމީރުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ލާއިންސާނީ އަމަލުތައް މާކުރީއްސުރެ ހިންގަމުން ގޮސްފައިވާއިރު ޖީ20 އޮޅީގެ ސަލާމަތީކަންތައްތައް ވަރުގަދަ ކުރުމުގެ ނަމުގައި ކަޝްމީރުގެ މުހިއްމު ތަންތަން ވަނީ ބަންދުކޮށްފައެވެ. ވެރިރަށް ސްރީނަގަރުން ފެންނަނީ އިންޑިއާ ސިފައިންނާއި ޕެރަމިލިޓަރީ ފޯސްތަކާއި ނޭޝަނަލް ގާޑްސް އަދި ކޮމާންޑޯސް ހަރަކާތްތެރިވަމުން ދާތަނެވެ. ފަތުރުވެރިއެއްގެ ހިލަމެއްވެސް ނުވެއެވެ.
ސްރީނަގަރުގެ އެކި ސަރަހައްދުތަކުގައި ފިހާރަތައް ހުޅުވުމަށް އިންޑިއާ ސިފައިން ވަނީ ފިހާރަވެރިންނަށް ޗިޓް ފޮނުވާފައެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ގާއިމުކޮށްފައިވާ ހަރުކަށި ސަލާމަތީ ފިޔަވަޅުތަކާއި މުޒާހަރާ ކުރާ މީހުންގެ ނުރައްކަލާ ގުޅިގެން ވަރަށް ގިނަ ފިހާރަތައް ވަނީ ނުހުޅުވައި ބަންދުކޮށްފައެވެ.