އެމެރިކާގެ މެމޮރީ ޗިޕު އުފައްދާ މައިކްރޮން ކުންފުނީގެ އުފެއްދުންތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ޗައިނާއިން ކަނޑައަޅަައިފިއެވެ.
އެންމެ ގިނައިން އެމެރިކާގައި މެމޮރީ ޗިޕު އުފައްދަމުން އަންނަ ކުންފުނި ކަމުގައިވާ މައިކްރޮންގެ އުފެއްދުންތަކާ ގުޅިގެން ”ސީރިއަސް ނެޓްވޯކް ސެކިއުރިޓީ ބިރުތަކެއް“ ހުރިކަމަށް ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ އިން ބުނެފައި ވަނީ ނެރުނު ބަޔާނެއްގައިވެއެވެ.
ސީއޭސީގެ މި ނިންމުމާ އެކު ދުނިޔޭގެ 2 ވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމުގައިވާ ޗައިނާގައި ހިންގާ މުހިންމު އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތަކުގައި މައިކްރޮންގެ އުފެއްދުންތައް ބޭނުންކުރުން މަނާވެގެން ދާނެއެވެ.
މިއީ ވޮޝިންޓަނާއި ބެއިޖިންގް އާ ދެމެދު އިތުރުވަމުން އަންނަ ނުތަނަވަސްކަމުގައި އެމެރިކާގެ ޗިޕު ކުންފުންޏަކާ މެދު ޗައިނާއިން ފިޔަވަޅު އަޅާ ފުރަތަމަ ފަހަރެވެ.
ޗައިނާގެ މި ނިންމުމާ ގުޅިގެން މައިކްރޮން އިން ބުނީ ޗައިނާ ސީއޭސީގެ ނޯޓިސް ލިބިފައިވާ ކަމަށާއި މިކަމާއި ގުޅިގެން ޗައިނާގެ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައި ވާ ކަމަށެވެ.