ޔަހޫދީ އިސްރާޢީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެންގުވީރު ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ 3 ވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމުގައިވާ މަސްދިޖް އަލް-އަޤްޞާއަށް ވަދެ، މުސްލިމުންނަށް ފުރައްސާރަކޮށްފިއެވެ.
އަލް-އަޤްޞާއަށް އޭނާ ވަދެ މުސްލިމުންނަށް ފުރައްސާރަ ކުރުމުގެ މަޤްޞަދަކީ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ޓެރެރިސްޓް ސިފައިން މެދުވެރިކޮށް އަލުން ޙަމަލާތައް ދޭން ފެށުމާއެކު މުސްލިމުންގެ ލޭއޮހޮރުވައިލައި ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކުރާ މުސްލިމުންގެ ޢަދަދުތައް އިތުރު ކުރުމެވެ.
އަލް-އަޤްޞާއަށް ވަދެ އޭނާ ބުނީ އެ ތަނަކީ އިސްރާޢީލުގެ ތަނެއް ކަމުގައެވެ. އިސްރާޢީލުން ކޮންޓްރޯލްކުރާ ޔަހޫދީންގެ އަތްދަށުގައިވާ ތަނެއް ކަމުގައެވެ. އަދި، އެއީ އިސްރާޢީލުގެ ޔަހޫދީންނަށް މުހިންމު ތަނެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
އަލް-އަޤްޞާއަށް އެނާ ގޮސްފައި މި ވަނީ ”ޖެރޫސެލަމް ޑޭ“ ނުވަތަ ޤުދުޞްގެ ދުވަހުގެ ގޮތުގައި ޔަހޫދީން ފާހަގަކުރާ ދުވަހާ ދިމާކޮށެވެ. އެއީ، 1967 ވަނަ އަހަރު ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމުގެ މުނާސަބަތުގައި ފާހަގަކުރާ ދުވަހެކެވެ. ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށެވެ.
އޭނާ އަކީ ފަލަސްޠީން ނެތިކޮށްލަން އެންމެ ބޮޑަށް ފޫގަޅައިގެން މަސައްކަތް ކުރަމުންދާ އެ ކަމަށް އެންމެ އަޑުހަރުކޮށް ބާރުއަޅަމުންދާ ޔަހޫދީ އިސްރާޢީލުގެ އެންމެ ޖައްބާރު އެއް ވަޒީރެވެ.
ބެންގުވީރު އަލް-އަޤްޞާއަށް ވަނުމަކީ އެ މިސްކިތުގެ ޙުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ހަމާސްއިން ވަނީ ސިފަކޮށް އެ ކަމުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ވެސް އެ ޖަމާޢަތުން ވަނީ ދީފައިވެއެވެ.
އެމެރިކާއިން ވެސް ވަނީ ބެންގުވީރުގެ މި އަމަލު ކުށްވެރިކޮށްފައެވެ.